ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ 595 ނަރުހުން ހޯދުމަށް އިއުލާން ކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާންގައި ބުނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ގާބިލު މުވައްޒަފުންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.

އެ ވަޒީފާގެ އަސާސީ މުސާރަ އަކީ 5610 ރުފިޔާ އެވެ. ސާވިސް އެލަވެންސްގެ ގޮތުގައި 2500 ރުފިޔާ ލިބޭނެ ކަމަށާއި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މަގާމަށް ކުރިމަތިލާ މީހުން މިމަހުގެ 20 ވަނަ ދުވަހުގެ 13:30 ކުރިން ވަޒީފާއަށް އެދޭ ފޯމު، ވަޒީފާ އަށް ނުކުންނަށް އެދޭ ހޮސްޕިޓަލަކަށް ނުވަތަ މަރުކަޒަކަށް ހުށަހަޅަން ޖެހެ އެވެ.

އެ މިނިސްޓްރީ އިން ބުނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގެ ތެރެއިން އެ މިނިސްޓްރީން ކަނޑައާޅާ ލިސްޓުގައިވާ ތަންތަނުގެ ތެރެއިން އެ މީހަކު އެދޭ ތަނެއްގައި ކަމަށެވެ.