މި އަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖެ އިން ހައްޖަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ މިއަދުން ފެށިގެން 12 ފެބްރުއަރީ އާ ހަމައަށް ޕްރޮޕޯސަލް ފޮތް އެ މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި އެ ފޮތުގެ އަދަދަކީ 35،000 ރުފިޔާ ކަމަށެވެ.

ޕްރޮޕޯސަލް ފޮތް ގަނެފައިވާ ކުންފުނިތަކަށް ބާއްވާ ހާއްސަ ޕްރީ ބިޑް ބައްދަލުވުމެއް 13 ފެބްރުއަރީގައި އެ މިނިސްޓްރީގެ މީޓިން ރޫމްގައި އޮންނާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އިސްލާމް މިނިސްޓްރީ އިން ބުނީ ހައްޖަށް މީހުން ގެންދިޔުމަށް ޕްރޮޕޯޒަލް ހުށައެޅޭނީ ޕްރޮޕޯޒަލް ފޮތް ގަނެ ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވާ ކުންފުނިތަކަކަށް ކަމަށެވެ.

ޕްރޮޕޯޒަލް ތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ 22 ފެބްރުއަރީގައި ކަމަށާއި ޕްރޮޕޯޒަލް ހުށައަޅަން ވާނީ ސިޓީ އުރައިގެ ބޭރުގައި "1439 ވަނަ އަހަރު ދިވެހިރާއްޖެ އިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ އަށް އެދި" ލިޔުމަށް ފަހުގައި ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.