ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުގައި ހުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަކަށް ދުންޔާ މައުމޫން ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް މައުމޫން އިދިކޮޅު ފަރާތްތަކާއި ރައީސް މުހައްމަދު ނަޝީދާ ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ގަނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އެމަނިކުފާނު ވަނީ ހޯމަ ދުވަހުގެ ރޭ ހައްޔަރުކޮށްފައެވެ.

ރައީސް މައުމޫނު ހައްޔަރުކުރިތާ ތިން ދުވަސް ވެފައިވާ އިރު، އެމަނިކުފާނުގެ ދޮށީ ދަރިކަނބަލުން އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ދުންޔާ މައުމޫން އިންޑިއާގެ "އިންޑިއަން އެކްސްޕްރެސް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ އާއިލާގައި ސިޔާސީ ޚިޔާލު ތަފާތުވުން އުފެދި، ބައްޕާފުޅު އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރަމުން ދިޔައީ ކަމަށެވެ.

"އެއީ އަޅުގަނޑުގެ ބައްޕަ. ނަޝީދު އުފެއްދެވި ހާލަތެއްގެ ތެރޭގައި ބައްޕަ މިވަގުތު އެ ހުންނެވީ،" ދުންޔާ ވިދާޅުވިއެވެ.

އެ ނޫހަށް ދުންޔާ ވިދާޅުވީ، ބައްޕާފުޅު ރައީސް މައުމޫން ޖަލުން މިނިވަން ކުރުމަށް ބޭނުންފުޅުވާ ކަމަށެވެ.

ރައީސް މައުމޫނުގެ އާއިލާ އިއްޔެ ވަނީ ދޫނިދޫއަށް ވަޑައިގެން، އެމަނިކުފާނާ ބައްދަލުކޮށްފައެވެ. އާއިލާއިން ދޫނިދޫއަށް ކުރި ޒިޔާރަތުގައި، މައުމޫނުގެ އެންމެ ހަގު ދަރިކަލުން މުހައްމަދު ގައްސާން މައުމޫން ފިޔަވާ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ގައްސާނަކީ ރައީސް އޮފީހުގެ ސޯޝަލް އެފެއާޒް ސްޓޭޓް މިނިސްޓަރެވެ.

އިންޑިއާގެ ނޫހަށް ދުންޔާ އިތުރަށް ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ މަސްރަހުގެ ތެރެއަށް ވަނުމަށް ރައީސް ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

"ގަބޫލުކުރަން މައްސަލަތަކެއް އެބަ އުޅޭކަން. މިކަންކަން ހައްލުކުރަން އެބަ ޖެހޭ. މިނިވަން ގައުމެއްގެ ހައިސިއްޔަތުން މިކަންކަން ހައްލުކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން އަމިއްލައަށް ހޯދަން ޖެހޭނީ. އަޅުގަނޑުވެސް މި ދަނީ ސުލްހަވެރި މަޝްވަރާތަކަށް ގޮވާލަމުން،" ދުންޔާ ވިދާޅުވިއެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ގެ ވަގުތެއްގައި ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިން ވަނީ ހައްޔަރުކޮށްފައެވެ.