ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ގައުމުގެ ވެރިކަމަށް އަތުވެއްޖެ ނަމަ ސަލާމަތީ ކަންކަން ބަލަހައްޓާނީ ބޭރު ސިފައިން ކަމަށް ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިންޑިއާ ސިފައިން ރާއްޖެ އަންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވަމުން ގެންދަވާތީ އެކަމަށް އިޝާރާތް ކުރައްވައި، ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ނަޝީދުގެ ވެރިކަމެއްގައި ރާއްޖެ އަށް ގެންނާނީ ބޭރުގެ އަސްކަރިއްޔާއެއް ކަމަށެވެ.

"ނަޝީދު ވެރިކަމަށް އައިސްފިއްޔާ ދިވެހި އަސްކަރިއްޔާގައި ތިއްބެވި ސިފައިންނަށް ވަޒީފާއެއް ވެސް ނޯންނާނެ. ނަޝީދު ވެރިކަމަށް އައިސްފިއްޔާ ބޭރުގެ އަސްކަރިއްޔާއެއް ގެންނާނީ. ދިވެހިންނަކީ ކަމެއް ކުރެވޭ ބައެއް ކަމަށް އެބޭފުޅުން ގަބޫލެއް ނުކުރޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިކަމާއި ބިމަކީ ގަނެވޭނެ އެއްޗެއް ނޫން ކަމަށާއި ބޭރުގެ މީހުން ގެނެސްގެން ވެރިކަން ހޯދަން އުޅޭ މީހުންނަށް ރާއްޖޭގެ ވެރިކަމާއި 10 ފޫޓް ކައިރިއަށް އަޔަ ނުދޭން މަޖިލީހުން ފާސް ކުރަން ޖެހޭނެ ކަމަށެވެ.

"ރާއްޖޭގެ ވެރިކަމުގެ ކަރާމާތަކީ ޑޮލަރު ކޮޅަކުން ގަނެވޭނެ އެއްޗަކަށް ވުރެ މާ މުގައްދަސު އެއްޗެއް. ދިވެހި ބިމަކީ އެއްވުރެއް މުގައްދަސު އެއްޗެއް. ދިވެހި ރާއްޖެ ހިފާނީ ބޭރުގެ އަސްކަރިއްޔާ ގެނެސްގެނެއް ނޫން. މިވަރު މީހަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތްވަރެއް ހުރިއްޔާ ދުވަހަކުވެސް ރާއްޖޭގެ ވެރިކަމާއި 10 ފޫޓް ކައިރި ނުވެވޭވަރަކަށް ގާނޫނު ފާސްކުރަން ޖެހޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކޮށް ހިދުމަތް ކޮށްފައި ހުރި މީހަކު ރާއްޖެއާ ތޮޅެން ބޭރު މީހުން ގެންނަ ވާހަކަ ދެއްކެވުމަކީ ދީނާއި ވަތަނިއްޔަތުގެ ކަންފުޅެއް ވެސް ނެތް ކަން ހާމަވާ ކަމެއް ކަމަށެވެ.

"ބޭރުގައި ހުރެގެން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކު މި ވިދާޅުވަނީ ރާއްޖެއަށް ބޭރުގެ އަސްކަރިއްޔާއިން އަންނަ ޖެހެއޭ. މިއީ ދިވެހި ފަސްގަނޑުގައި ވެރިކަން ކުރެއްވި ބޭފުޅެއް ތޯ؟ ދިވެހިން އެތައް ގަރުނައެއް ވަންދެން މަސައްކަތް ކުރީ ފަރަންޖީ ލެއިން ދިވެހި ބިން ސާފު ކުރާށޭ. އެ މީހުން ބޭރު ކޮށްގެންނޭ ދިވެހި ރާއްޖެއިން މިނިވަންކަން ހޯދާފައި މިއޮތީ،" ރައީސް ވިދާޅުވިއެވެ.

ސިޔާސީ ލީޑަރުން މިނިވަންކުރަން ސުޕްރީމް ކޯޓުން ކުރި އަމުރުގެ ސަބަބުން ގައުމަށް ދިމާވި ނުތަނަވަސްކަމުން އަރައިތަގުމަށް ސިފައިންނާއި ފުލުހުން ދެއްކެވީ ހިތްވަރާއި ޖޯޝު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ މީހަކު ވެސް ފަރުދީ ހައިސިއްޔަތުން ވެސް ސިފައިންނާއި ފުލުހުން ގައުމަށްޓަކައި އެކޮށްދެއްވި ކަންތައްތަކަށް ޝުކުރު އަދާކުރައްވަން އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފަނު ވިދާޅުވިއެވެ.