ގާހިރާ (ފެބްރުއަރީ 8): މިސްރުގައި އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު ބޯއިކޮޓް ކުރާ އިދިކޮޅު ފަރާތްތައް ތަހުގީގު ކުރަން އެގައުމުގެ ޕްރޮސިކިއުޓާ ޖެނެރަލް ނަބީލް ސާދިގު އަމުރު ކުރައްވައިފި އެވެ.

ސާދިގު ނެރުއްވި ބަޔާނެއްގައި ވަނީ "ސަރުކާރު ވައްޓާލަން އުޅުމުގެ" ތުހުމަތުގައި 13 މީހަކާ ސުވާލު ކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ސާދިގު އެފަދައިން ވިދާޅުވީ މިސްރުގެ ރިޔާސީ އިންތިހާބު ބޯއިކޮޓް ކުރަން އިދިކޮޅު ފަރާތްތަކުން ގޮވާލި ފަހުންނެވެ.

މިސްރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވި ގިނަ ކެންޑިޑޭޓުން ވަނީ ރިޔާސީ ރޭހުން ވަކިވެފަ އެވެ.

އެގޮތުން މިސްރުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ސަމީ އަނާން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވި ފަހުން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި މިސްރުގެ ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީގު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވުމަށް ފަހު، އޭނާއަކީ އެމަގާމަށް ރަނގަޅު ބޭފުޅާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވިދާޅުވެ ރައީސް ކަމަށް ވާދަ ނުކުރަން ނިންމަވައިފަ އެވެ.

ޝަފީގުގެ ވަކީލުން ވަނީ އޭނާ އެފަދައިން އަމަލު ކުރެއްވީ މިސްރުގެ ސަރުކާރުން އޭނާއަށް އިންޒާރު ދިނުމުން ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އަސްކަރިއްޔާގެ ކާނަލް އަހުމަދު ކޮންސޯވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވި ފަހުން އޭނާ އަސްކަރިއްޔާގެ ގަވާއިދުތަކާ ހިލާފުވި ކަމަށް ބުނެ މިސްރުގެ ފުލުހުން ވަނީ އޭނާ ހަ އަހަރަށް ޖަލަށް ލާފައި އެވެ.

މިސްރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއާ ވާދަ ކުރައްވާނީ އަލް ގަދް ޕާޓީގެ ޗެއާމަން މޫސާ މުސްތަފާ މޫސާ އެކަންޏެވެ. ރިޔާސީ އިންތިހާބަށް ވާދަ ކުރަން ނަން ހުށަހަޅަން 15 މިނިޓަށް ވެފައި ވަނިކޮށް ނަން ހުށަހެޅުއްވި މޫސާ އަކީ ސީސީއަށް ތާއިދު ކުރާ ފަރާތެކެވެ. (އަލްޖަޒީރާ)