20 Aug 2011, 11:57
އިނގިރޭސި ކްލަބް އާސެނަލްއިން އެ ކްލަބުގެ ފްރާންސް މިޑްފީލްޑަރު ސާމިރް ނަސްރީ 25 މިލިޔަން ޕައުންޑަށް މެންޗެސްޓާ ސިޓީއަށް ގުޅުމާއި ގާތްވެއްޖެ ކަމަށް މެންސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
"ނަސްރީ މެންސިޓީއާއި އަވަހަށް ގުޅޭނެކަމަށް އުންމީދުކުރަން. މިހާރު ނަސްރީ ހޯދުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އަހަރެންނަކަށް އަދި ނޭނގެ. އަހަރެންގެ ހުރިހާވެސް ވިސްނުމެއްހުރީ ބޯލްޓަންއާއި ދެކޮޅަށް ނުކުންނަ މެޗަށް." މެންސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީ ބުންޏެވެ.
މެންސިޓީއަށް ނަސްރީ ނުގެނެވި ލަސްވަމުންދާތީ މިދިޔަ ހަފާތާގައި މަންޗިނީވަނީ މާޔޫސްކަން ފާޅުކޮށްފަ އެވެ.
"އަހަރެމެން މިސީޒަނަށް ކަނޑައަޅާފައިވާ މަގްސަދު ހާސިލުކުރެވޭތޯ މަސައްކަތްކުރާނަން. ސީޒަން އަދި މި ފަށައިގަތީ. އަހަރެމެން ސްކޮޑް އިތުރަށް ވަރުގަދަކުރެވެން ހުރިއްޔާ ހުރިގޮތަކަށް މަސައްކަތްކުރަންޖެހޭނެ." މަންޗިނީ ބުންޏެވެ.
މެންސިޓީގެ ދެފޯވަޑުންކަމަށްވާ އެމަނުއެލް އަޑެބަޔޯއާއި ކްރެއިގް ބެލަމީ މިސީޒަންގައި ވިއްކާލުމުގެ ކަންތައް ހަމަޖެހިފައިނުވާތީ ކުލަބަށް އާ ކުޅުންތެރިން ގެނައުމަށް ދަތިތަކެއް ދިމާވެފައިވާކަމަށް މަންޗިނީ ބުނެފައިވެއެވެ.
"ޓްރާންސްފާ މާކެޓް ދިހަދުވަސްތެރޭ ނިމޭއިރު މިހާރު ތިބި ކުޅުންތެރިން ވުއްކާނުލެވުމުގެ ސަބަބުން އާކުޅުންތެރިން ގެނައުމަށް ދަތިތަކެއް ވަނީ ދިމާވެފަ." މަންޗިނީ ބުންޏެވެ.