08 Feb 2018, 12:03
ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ހާލަތު ރަނގަޅު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
އެޗްއާރުސީއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދޫނިދޫ ކަސްޓޯޑިއަލަށް ޒިޔާރަތްކޮށް، ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ހާލަތު ބަލާފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗަށް ޒިޔާރަތްކޮށް، ފަނޑިޔާރު އަލީ ހަމީދުގެ ހާލުވެސް އެ ކޮމިޝަނުން ބަލާފައިވާ ކަމަށާއި އެ ތިން ބޭފުޅުންގެ ހާލުވެސް ރަނގަޅު ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އެބޭޅުންގެ ހާލަތު ގާތުން ބަލައި މޮނިޓާ ކުރަމުން ގެންދާނެ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށް މައުމޫން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ގަނޑުގެ ވަގުތެއްގައެވެ. ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ސުޕްރީމް ކޯޓުގެ ތެރެއިންނެވެ. މި ދެ ބޭފުޅުންނަށް ކުރާ ތުހުމަތަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުމުގެ ތުހުމަތެވެ.