08 Feb 2018, 11:39
ރާއްޖެއިން ބޭރުގެ އަސްކަރީ ސިފައިން ގެނެސް ރާއްޖެ ހިސާރުކުރަން ގޮވާލުމުން އެކަމަށް ތާއީދުކުރާ ދިވެހިން ތިބުމަކީ ހައިރާންވާން ޖެހޭ ކަމެއް ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.ެ
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ފަނޑިޔާރުންނާއި، ސިޔާސީ ގައިދީންނާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިނިވަންކުރުމަށް، އިންޑިއާގެ ވަފުދެއް، އިންޑިއާގެ ސިފައިންނާއެކު ރާއްޖެ ފޮނުވުމަށް ދިވެހިރައްޔިތުންގެ ނަމުގައި އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ސަރުކާރުގެ އިސްވެރީން އެމެރިކާގެ ބޭންކުތައް މެދުވެރިކޮށް ކުރައްވާ ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް، އެމެރިކާގެ ސަރުކާރަށް ވެސް ރައީސް ނަޝީދު ވަނީ ގޮވާލާފައެވެ.
ވައި18 ކެމްޕެއިން އޮފީހުގައި ރޭ ޕީޕީއެމްގެ ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ބޭރުގެ ސިފައިން ގެންނަން ތާއިދުކުރަން ބައެއް ދިވެހިންނަށް ކެރޭތީ ހިތާމަކުރާ ކަމަށެވެ.
"އަޅުގަނޑު ނުދަންނަވާނަން ރާއްޖެއިން ބޭރުބަޔަކު އަންނާނެއެކޭ. އެކަމަކު އަޅުގަނޑު ހަމަހިރާން ވޭ ރާއްޖެއިން ބޭރުގެ މިލިޓަރީ އަދި އަސްކަރީ ބަޔަކު މިތަނަށް ގެނެސް އޮކިއުޕޭޝަން އަށް ގޮވާލީމަ އެކަމަށް ތާއިދު ކުރާ ދިވެހިން ތިބީމަ. އެކަމަށް ތާއީދު ކުރަން ދިވެހިންނަށް ކެރޭތީ ހިތާމަކުރަން،" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ގައުމަށް ކުރިމަތިވަމުން އަންނަ ކަންކަމަކީ ގާނޫނުތަކުގެ ބަލިކަށިކަމުން ކުރިމަތިވާކަންކަމެއް ނޫންކަމަށާއި، އެއީ ގާނޫނީ ޒިންމާއާމެދު، ގައުމާއި ދައުލަތާއި ދޭތެރޭ ވިސްނޭވަރު ކުޑަކަމުން ހިންގާކަންކަންކަމަށެވެ.
"ކިތަންމެ މޮޅެތި ގާނޫނުތަކެއް ހުރިނަމަވެސް، ދުސްތޫރީ ވާޖިބު އަދާކުރަން ތިއްބެވި ފަރާތްތަކުން އެމީހުންގެ ޒިންމާތަކަށް ތެދުވެރިނުވެއްޖެނަމަ ގައުމަށް ނުރައްކާތެރި ކިތަންމެކަމަކާ އަދިވެސް ކުރިމަތިލާންޖެހިދާނެ. މި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެއްވެސް ގާނޫނީ ހަމައަކުން މިންކުރެވޭނެ އަމުރެއްނޫން. އަދި އެއީ ރާއްޖޭގެ ދުސްތޫރީ ހަމަތަކުގެ މަތިން ނެރުއްވާފައިވާ އަމުރެއް ވެސް ނޫން،" އާޒިމާ ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ހިކުމަތްތެރިކަމާއި، މަޑުމައިތިރިކަމާ އެކުގައި ނޫން ގޮތަކަށް ރައީސް ޔާމީން ކުރިމަތިލެއްވިނަމަ ފެންނާނީ ތަފާތުކޮށް ކަމަށާއި، އެމަނިކުފާނު އެދަނޑިވަޅުގައި ދެއްކެވި ހިކުމަތްތެރިކަމަށް ތައުރީފު ހައްގު ކަމަށް އާޒިމާ ވިދާޅުވިއެވެ.
"މިފަދަ ކަންތައްތަކަކީ ވެރިކަމުގައި ހުންނަ ފަރާތަކު ނޫނީ ވެރިކަން ވައްޓާލުމަށްޓަކައި ކުރާވަރު ކަންތައްތަކެއް ނޫން. އެދުވަހު ވެރިކަން ބަދަލުވިނަމަ ދެން ވާނެ ގޮތް އެއްވެސް ބޭފުޅަކަށް ކޮންޓްރޯލް ނުކުރެވޭނޭ ކަން އަޅުގަނޑަށް ޔަގީން. ނަމަވެސް އެދުވަހަކުން އެކަން ކުރި ބަޔަކު ޖަވާބުދާރީ ވާކަށް ނާންނާނެ. އެކަމުގެ އަގު އަދާ ކުރަން ޖެހޭނީ ރައްޔިތުންނާއި، ދަރިން،" އާޒިމާ ވިދާޅުވިއެވެ.