08 Feb 2018, 11:49
އިސްލާމްއާބާދު (ފެބްރުއަރީ 8): ޕާކިސްތާނުގައި ދީނަށް ފުރައްސާރަކުރި ކަމަށް ބުނެ ޔުނިވާސިޓީ ދަރިވަރަކު މަރާލުމުގައި ބައިވެރިވި އެކަކަށް މަރުގެ ހުކުމްކޮށް، އިތުރު ފަސް މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
އުމުރުން 25 އަހަރުގެ މަޝަލް ޚާން ކިޔަވަމުން ދިޔަ އަބްދުލްވަލީ ޚާން ޔުނިވާސިޓީގައި އޭނާ މަރާލާފައި ވަނީ ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ، މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ.
އެހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޚާންގެ ކޮޓަރިން އޭނާ ނެރެގެން ގެންދިޔަ ވަގުތު ޔުނިވާސިޓީގެ އެތައް ސަތޭކަ ދަރިވަރުންގެ އިތުރުން ބައެއް މުވައްޒަފުން ވެސް ތިއްބެވެ. އަދި އެމީހުން ޚާންގެ ގައިގައި ތަޅައި އަނިޔާކޮށް، އޭނާގެ ގަޔަށް ބަޑިވެސް ޖެހިއެވެ.
އެމައްސަލައިގެ ޝަރީއަތަށް 57 މީހަކު ހާޒިރުކޮށްފައިވާ އިރު، ޚާންގެ އެކުވެރިއެއް ކަމަށްވާ އިމްރާން އަލީ ވަނީ އޭނާގެ ގަޔަށް ބަޑި ޖެހި ކަމަށް އިއުތިރާފުވެފައެވެ. އޭގެ ސަބަބުން އިމްރާންގެ މައްޗަށް ވަނީ މަރުގެ ހުކުމްކޮށްފައެވެ. އަދި އެމައްސަލައިގައި ތުހުމަތު ކުރެވޭ 25 މީހެއްގެ މައްޗަށް ކުދި ކުށްތަކާ ގުޅުން ހުރި ހުކުމްކޮށް، އިތުރު 26 މީހަކު ވަނީ ދޫކޮށްލާފައެވެ.
މީގެ އިތުރުން ޕާކިސްތާނުގެ ފުލުހުން ވަނީ ޚާން ދީނަށް ފުރައްސާރިކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އޭނާގެ މަރަކީ ރާވައިގެން، ގަސްތުގައި މީހަކު މަރާލުން ކަމަށް ނިންމާފައި އެވެ.
މީގެ ކުރިންވެސް ޕާކިސްތާނުގައި ވަނީ ދީނަށް ފާޑުކީ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން މަރާލާފައެވެ. އަދި އެގައުމުގައި އިސްލާމްދީނަށް ފާޑުކިޔުމާ ބެހޭ ގޮތުން ހަދާފައިވާ ގާނޫނު އިސްލާހުކުރަން މަސައްކަތް ކުރި ޕަންޖާބުގެ ކުރީގެ ގަވަރުނަރު، ސަލްމާން ތަސީރު ވަނީ 2011 ވަނަ އަހަރު މަރާލާފައެވެ. (ބީބީސީ)