08 Feb 2018, 11:30
ފުޓުބޯޅައިގެ މުސްތަގުބަލަކީ ލިއޮނަލް މެސީގެ އިތުރުން ނޭމާ އަދި އިނގިރޭސިވިލާތުގެ ހެރީ ކޭން ކަމަށް މަޝްހޫރު ކުޅިވަރު ހުށަހެޅުންތެރިޔާ ގެރީ ލިނެކާ ބުނެފިއެވެ.
ލިނެކާއަކީ ކުރިން އިނގެރޭސި ގައުމީ ޓީމަށްވެސް ކުޅެ އެގަމުގެ ގައުމީ ޓީމަށް 48 ގޯލްވެސް ޖަހައިދީފައިވާ ފުޓުބޯޅައިގެ ތަޖުރިބާކާރެކެވެ. ބީބީސީގެ 'މެޗް އޮފް ދަ ޑޭ' ޕްރޮގްރާމުން މަޝްހޫރުކަން ހޯދި ލިނެކާއަކީ ބީޓީ ސްޕޯޓްސްގެ ޗެމްޕިއަންސްލީގު މެޗުތަކުގެ ހުށަހެޅުންތެރިޔާވެސް މެއެވެ.
މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ 'ޑެޕޮޓީވޯ މުންޑެއާލް' އަށް ވާހަކަ ދައްކަމުން ލިނެކާ ބުނެފައިވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓް އޭނާ އެކުލަވާލާނީ މުސްތަގުބަލަށް ކަމަށެވެ.
"މެސީއާއި ރޮނާލްޑޯ ނަގަން ޖެހިއްޖެއްޔާ ނަގާނީ މެސީ، އަހަރެން ވަރަށް ގަޔާވޭ ރޮނާލްޑޯގެ ކުޅުމަށްވެސް. އެކަމަކު މެސީއަކީ އެހެން ޕްލެނެޓަކުން އައިސް ހުރި ކުޅުންތެރިއެއް،" ލިނެކާ ބުންޏެވެ.
ލިނެކާ ފާހަގަކުރެވެނީ މެސީ-ރޮނާލްޑޯގެ ބަހުސްގައި އަބަދުވެސް މެސީ ހިޔާރުކުރާ މީހެއްގެ ގޮތުގައެވެ. މެސީގެ ކުޅުމާމެދު ގިނަ ތައުރީފްތަކެއް ކުރާ ލިނެކާގެ ޓްވީޓްތަކަކީ ގިނަ ފަހަރަށް މެސީ ސަޕޯޓަރުން ހިތް ދަމައިގަންނަ ޓްވީޓްތަކެކެވެ.
ލިނެކާގެ ލިސްޓްގެ އެއްވަނަ މެސީއަށް ދޭއިރު، ދެވަނައަށް ނަގާނީ ރޮނާލްޑޯ ތޯ ނޫނީ ނޭމާ ތޯ ސުވާލުކުރުމުން ލިނެކާ ބުނީ މުސްތަގުބަލަކީ ނޭމާ ކަމަށެވެ.
"ރޮނާލްޑޯއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އެހެން ނަމަވެސް މިވަގުތު ނަގާނީ ނޭމާ. އެކަމަކު ނޭމާ ބާސާގައި ހުރިނަމަ އޭނާއަކީ ޔަގީނުންވެސް ފުޓުބޯޅައިގެ ކުރިމަގު. މިހާރުވެސް ކުޅުން ދަށަކީ ނޫން، މިހާރު އޭނާއަށް ދެވޭ ސަމާލުކަން ކުޑަވާނެ،" ލިނެކާ ފާހަގަކުރިއެވެ.
ލިނެކާ އިތުރަށްބުނީ މުސްތަގުބަލަށް ވިސްނާނަމަ ހެރީ ކޭންއަކީވެސް އޭނާގެ ލިސްޓްގައި ރޮނާލްޑޯއަށްވުރެ ކުރީގައި ނަގާނެ ކުޅުންތެރިއެއް ކަމަށެވެ.
ލިނެކާ ބުނީ ރޮނާލްޑޯއާއި ރެއާލްއަށް މި ސީޒަންގައި ވީ ގޮތެއް ބުނެދޭންވެސް ނޭނގޭ ކަމަށާއި، އޭނާއަށް ފެންނަ ގޮތުގައި ރެއާލްގައި އުޅެނީ ކޮންފިޑެންސްގެ މައްސަލައެއް ކަމަށެވެ. އަދި ބައެއް ކުޅުންތެރިން ގިނަ ދުވަސްވެފައި ތިބުމަކީވެސް އޭގެ ސަބަބަކަށް ވެދާނެ ކަމަށްވެސް ލިނެކާ ފާހަގަކުރިއެވެ.