ކެރިއަރު އަދި ނުނިމޭ ކަމަށާއި ގިނަ އަހަރުތަކެއް ވަންދެން ފުޓުބޯޅައިގެ އެންމެ މަތީ ލެވެލްގައި އޭނާއަށް ކުޅެވިދާނެ ކަމަށް ޕޯޗުގަލް އަދި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މި ހަފްތާގެ ހޯމަ ދުވަހު 33 އަހަރު ފުރުނު ރޮނާލްޑޯ ބުނީ މިދިޔަ ދެ އަހަރަކީ އޭނާގެ ކެރިއަރުގު އެންމެ ކާމިޔާބު ދެ އަހަރު ކަމަށެވެ. ކްލަބް އަދި ގައުމީ ޓީމާއެ އެކު ވެސް ގިނަ ތަށިތަކެއް ހޯދުނު ކަމަށާއި އަމިއްލަ އެވޯޑުތަކެއް ވެސް ލިބިފައިވާ ކަމަށް ރޮނާލްޑޯ ބުންޏެވެ. އަދިވެސް އެ ލެވެލްގައި ގިނަ އަހަރުތަކެއް ވަންދެން ހިފެހެއްޓޭނެ ކަމަށާއި އޭނާގެ އުންމީދަށް ފަނޑުކަމެއް ނާންނަ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ ޕާސަނަލީ މިއީ އޭނާއަށް ވަރަށް އުފާވެރި ދުވަސްކޮޅެއް ކަމަށާއި އާއިލާއާ އެކު ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަކުރަމުން ދާ ކަމަށެވެ. އެހެން ނަމަވެސް ދަނޑު މަތީގައި މިއީ އޭނާއަށް ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި އެހެން ނަމަވެސް އެކަން ޗެލެންޖަކަށް ނަގައި އޭނާ ހުރީ ވަރަށް ރަނގަޅު ފޯކަސްއެއްގައި ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

"އަހަންނަށް ޔަގީންކަން އެބައޮތް ފޯމު އަނބުރާލެވޭނެ ކަމަށް. މައިގަނޑުކޮށް ފޯކަސް މިކުރަނީ ފިޓްނަސްއަށް. ފިޓްނަސް 100 ޕަސެންޓްގައި ބަހައްޓައިގެން ނޫނީ މި އުމުރުގައި ނުކުޅެވޭނެ،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ ޅަ ދުވަސްވަރު ދަނޑު މަތީގައި ދެއްކި ހުނަރުތައް މިހާރު ނުދެއްކޭނެ ކަމަށާއި އޭނާ މިހާރު ހުރި އުމުރުގައި ދުނިޔޭގެ އެންމެ މަތީ ފަންތީގައި ކުޅުމަށް ގިނަ ގުރުބާނީތަކެއް ވާން ޖެހޭ ކަމަށެވެ. މިހާތަނަށް ކެރިއަރުގައި ހަނދާނުން ފޮހެނުލެވޭނެ ފަދަ ގިނަ މެޗުތަކެއް ކުޅެވިފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރު ފޯކަސް ހުރީ މިވަގުތަށް ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

ދެހާސް ސާދަވަނަ އަހަރުގެ ސީޒަންގައި 48 ލީގު ގޯލް ކާމިޔާބުކުރި ރޮނާލްޑޯއަށް ދެން ޖެހިގެން އައި ސީޒަންގައި ކާމިޔާބުކުރެވުނީ 35 ގޯލަ އެވެ. އަދި މިދިޔަ ސީޒަންގައި 25 ލީގު ގޯލް ކާމިޔާބުކުރި ރޮނާލްޑޯއަށް މި ސީޒަންގެ މިހާތަނަށް ލީގުގައި ޖެހިފައިވަނީ އެންމެ އަށް ގޯލަ އެވެ.

މި ސީޒަންގައި ރެއާލް ކުޅުން ދަށްކޮށް ފެންނަމުންދާއިރު، ރޮނާލްޑޯއަށް ވެސް މި ސީޒަނަކީ ދަށް ސީޒަނެކެވެ.