ސްޕެއިންގެ ވެލެންސިޔާއަށް ކުޅެމުންދާ ޒުވާން ފޯވާޑް ޖުއާން މަޓާ ހޯދަން ޗެލްސީއިން 27 މިލިޔަން ޕައުންޑް ހުށަހަޅާފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޓާ ހޯދަން އިނގިރޭސި ކްލަބުތައްކަމަށްވާ އާސެނަލާއި ޓޮޓެންހަމް ހޮޓްސްޕާއިން ވެސް މަސައްކަތްކޮށްފައިވެ އެވެ.

މި އަހަރު ޖެނުއަރީ މަހުގައި ރެކޯޑް ޓްރާންސްފާ ފީއަކަށް ލިވަޕޫލުން ޗެލްސީއަށް ގެންދިޔަ ފެނާންޑޯ ޓޮރޭސް އަށް މެދުތެރެއިން ބޯޅަ ސަޕްލައިކޮށް ނުދެވޭތީ ޓޮރޭސް އަށް ވަނީ އެކަށީގެންވާ ކުޅުން ދެއްކޭގޮތް ނުވެފަ އެވެ. އެހެންކަމުން މަޓާ ޗެލްސީގައި ބޭނުންކުރާނީ ބޮޑަށް މެދުތެރޭގައި ޓޮރޭސް އަށް ބޯޅަ ސަޕްލައިކޮށް ކުރާ ކުޅުންތެރިންއެއްގެ ގޮތުގައި ކަމަށް ވަނީ ބެލެވިފަ އެވެ.

މިދިޔަ ސީޒަން ނިމުނީއްސުރެ މިހާތަނަށް ޗެލްސީއިން ހޯދަން މަސައްކަތްކުރާ ޓޮޓެންހަމްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ގެނެވިއްޖެނަމަ މަޓާއަށް ޗެލްސީއިންދޭ ސަމާލުކަން ގެއްލިގެން ހިނގައިދާނެކަމަށްވެސް ބެލެވެ އެވެ.

ޗެލްސީގެ ޒުވާން ކޯޗް އަންދުރޭ ވިލަސް ބައޮސް އެ ކްލަބާ ހަވާލުވުމަށްފަހު ކޯޗިންގް ސްޓާފަށް ވެސް ޒުވާންކަން ގެނައުމުގެ އިތުރުން ހޯދަމުންދާ އަދި ހޯދާފައިވާ ކުޅުންތެރިންނަކީވެސް ޒުވާން ކުޅުންތެރިންތަކެއްކަން ފާހަގަ ކުރެވެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވިލަސް ބައޮސްވަނީ 18 އަހަރުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫގެ ސޮއި ވެސް ހޯދާފަ އެވެ.