08 Feb 2018, 10:20
ސުޕްރީމް ކޯޓުން މިދިޔަ ހުކުރު ވިލޭރޭ ނެރުނު އަމުރާ ގުޅިގެން ރާއްޖެއަށް އައި ސިޔާސީ ހަލަބޮލި ކަމަށް ފަހު ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ސަރުކާރުން ދައުވަތު ދެއްވައިފި އެވެ.
މީގެ ކުރިން އެކި ފަހަރު މަތިން މަޝްވަރާ އަށް ސަރުކާރުން ހުޅުވާލުމުން އެކަން ކާމިޔާބު ނުވީ ސަރުކާރާއި ޕާޓީތަކުން ވެސް ޝަރުތުތައް ކުރިމަތިކުރުމުންނެވެ.
އެގޮތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަކަށް އެންމެ ފަހުން ސަރުކާރުން ދައުވަތު ދިނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު ސަރުކާރުން ދައުވަތު ދިނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނޭ ގޮތަށް، ޝަރުތަކާ ނުލަ އެވެ.
ނަމަވެސް އެފަހަރު ވެސް ގިނަ ސަބަބުތަކެއް ދައްކައި، ސަރުކާރާ އެކު މަޝްވަރާ ނުކުރަން ޕާޓީތަކުން ނިންމި އެވެ.
ޕާޓީތަކުން އޭރު ވެސް ދެއްކި ސަބަބުތަކުގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ޖަލަށް ލުމާއި މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އަށް ސަރުކާރުން ނުފޫޒު ފޯރުވުމާއި ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް ބޮޑުވެފައިވާ މައްސަލަ ހިމެނެ އެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް ދައުވަތު ދެއްވައި، މަޝްވަރާ އަށް ސަރުކާރުން ކަނޑައަޅާފައިވާ އެންމެ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގެންނަން އުޅުނު ބަގާވާތުގެ އަޑީގައި ތިބި ބޭފުޅުންނާ ގުޅޭ ހެކިތައް ފުލުހުން ހާމަކުރުމުން، މަޝްވަރާގެ މަތީން ސިޔާސީ ތަފާތުތައް ހައްލުކުރުމަށް ބޭނުންވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އެގޮތުން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް އެ ޕާޓީތަކަށް ސަރުކާރުން ދައުވަތު ދެއްވާ ކަމަށް ވިދާޅުވެފައިވެ އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ޝައިނީ އެހެން ވިދާޅުވެފައިވާ އިރު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު އަދި ކުރީގެ ރައީސް މައުމޫނަށް ވަނީ ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރަން އުޅުމުގެ ތުހުމަތު ސަރުކާރުން ކޮށްފަ އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެ ހަތަރު ބޭފުޅުން ހައްޔަރުކުރެއްވީ މިދިޔަ އަންގާރަ ވަނަ ދުވަހުގެ ރޭގަ އެވެ. އޭގެ ތެރެއިން ސިއްހީ ހާލުކޮޅު ގޯސްވެ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާ އަލީ ހަމީދު ފިޔަވައި އަނެއް ތިން ބޭފުޅުން މިވަގުތު ތިއްބެވީ ދޫނިދޫގަ އެވެ.