08 Feb 2018, 09:55
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން، ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން މިއަދު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް ޑިޕްލޮމެޓުންނާ ހަވާލާދީ އޭއެފްޕީން ބުނެފި އެވެ.
އޭއެފްޕީގައިވާ ގޮތުން އެ ސިއްރު ބައްދަލުވުމުގައި އދ.ގެ ޕޮލިޓިކަލް އެފެއާސް ޑިޕާޓްމެންޓުން ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ރިޕޯޓެއް ހުށަހަޅާނެ އެވެ. އަދި ސަލާމަތީ މަޖިލީހުން އެމައްސަލަ ބެލުމަށް ހުށަހެޅީ ވެސް އެޑިޕާޓެމެންޓުން ކަމަށް އޭއެފްޕީގައިވެ އެވެ.
މީގެ ކުރިން، އަންގާރަ ދުވަހު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލައްވާފައި އެވެ.
އަދި ތަފާތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ވެސް ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވި އެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެއަމުރުގައި ސިޔާސީ ކުށްވެރިން ދޫކޮށްލަން ބުނެފައިވާ ބައި ބާތިލުކޮށްފަ އެވެ.