08 Feb 2018, 08:38
ކަރަކަރައިގައި ތިބެގެން ބޭކާރު ވާހަކަދައްކާ މީހުން މުހިންމެއް ނޫން ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެ އެވެ.
ވެސްޓް ޕާކް ސަރަހައްދުގައި ރޭ ބޭއްވި "ކަނބަލުންގެ ގުޅުން" ޖަލްސާގައި ވާހަކަދައްކަވަމުން ރަފިއްޔާ ވިދާޅުވީ ރާއްޖެއަށް ލާދީނީ ފަލްސަފާ ގެންނަން އުޅޭ ބަޔަކު މުހިންމެއް ނޫން ކަމަށާއި ފައްޅިއަޅަން މަސައްކަތްކުރާ ބަޔަކު މިގައުމަށް ބޭނުމެއް ނުވާ ކަމަށެވެ.
"ކަރަކަރައިގައި ތިބެގެން ބޭކާރު ވާހަކަދައްކާ މީހުންނެއް އަޅުގަނޑުމެންނަށް މުހިންމެއް ނޫން. މިގައުމަށް ލާދީނީ ފަލްސަފާ ގެންނަން އުޅޭ ބަޔަކު މުހިންމެއް ނޫން. ފައްޅިއަޅަން މަސައްކަތްކުރާ ބަޔަކު މިގައުމަށް ބޭނުމެއް ނުވޭ،" ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރައްވައި ރަފިއްޔާ ވިދާޅުވި އެވެ.
ރަފިއްޔާ ވިދާޅުވީ ރައީސް ޔާމީން ނުފިއްލަވާނެ ކަމަށާއި އެމަނިކުފާނަކީ ކަނބަލުންގެ ވޯޓުން ރާއްޖޭގެ ވެރިކަމަށް އައި ބޭފުޅެއް ކަމަށެވެ.
"ރައީސް ޔާމީން ވެރިކަމަށް އައީ ތަފާތު ގޮތަކަށް. ކަނބަލުންގެ ވޯޓާ އެކު. އަޅުގަނޑުމެން އަންހެނުންނާއި ވާދަކުރަން ކަރަކަރައިން މީހުން ގެންނާކަށް ނުޖެހޭނެ. ރައީސް ޔާމީން އަޅުގަނޑުމެން އަޅުވެތިކަމުން މިންޖު ކުރެއްވީ. ރައީސް ޔާމީން އަޅުގަނޑުމެންގެ ޖީބުތަކަށް ފައިސާ ވައްދަނީ. ދައުތަލުގެ ރިޒާވް އިތުރުކޮށްދެއްވަނީ ރައީސް ޔާމީން،" ރަފިއްޔާ ވިދާޅުވި އެވެ.
ރަފިއްޔާ ވަނީ ދުނިޔޭގެ އެހެން ހިސާބުތަކުގައި އަންހެނުންނާ މެދު ކަންކަން ކުރާގޮތާއި ރައީސް ޔާމީނުގެ ވެރިކަމުގައި ދިވެހި ކަނބަލުންނަށް ގެނެސްދީފައިވާ ކުރިއެރުން ފާހަގަކުރައްވައިފަ އެވެ.