08 Feb 2018, 02:01
ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހަކީ ވަތަނީ ގައުމީ ދުވަހެއްގެ ގޮތުގައި ގައުމީ ފެންވަރުގައި ފާހަގަކުރަން ޖެހޭ ދުވަހަކަށް ހަދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
'ގައުމަށްޓަކައި ކަނބަލުން' މި ނަމުގައި ވެސްޓް ޕާކް ސަރަހައްދުގައި މިރޭ ޕީޕީއެމުން ބޭއްވި ފޯރިގަދަ ޖަލްސާގައި ރައީސް ވިދާޅުވީ ފަހުގެ ތާރީހުގައި ފެބްރުއަރީ މަސް ފެށިގެން ދަނީ ރާއްޖޭގެ ވެރިކަމާ ތޮޅެން ބަޔަކު ނުކުންނަ މަހެއްގެ ގޮތުގައި ކަމަށާއި ފެބްރުއަރީ ހަތެއް ބައްދަލުކުރާއިރު ވަރުގަދަ ޝަހްސިއްޔަތުތަކެއް ފެނިގެންދާ ކަމަށެވެ.
އެގޮތުން މިއަހަރުގެ ފެބްރުއަރީ މަސް ފެށިގެން ދިޔައީ ގާނޫނީ ސަރުކާރު ބަޣާވާތަކުން ބަދަލުކުރުމަށް ބަޔަކު އަޑީގައި ތިބެ ރޭވުންތަކެއް ރޭވި މަހެއްގެ ގޮތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ބަޣާވާތް ނާކާމިޔާބުކޮށްލުމުގެ މޭސްތިރިންގެ ގޮތުގައި ސިފައިންނާއި ފުލުހުން ފާހަގަކޮށް، ރައީސް ވަނީ ތަކުރާރުކޮށް ޝުކުރުއަދާ ކުރައްވައިފައެވެ.
"އެހެންވީމަ އަޅުގަނޑުމެން ކޮންމެ ފެބްރުއަރީ ހަތަކީ މިހާރު ހަނދާން ކުރަންޖެހޭ ދުވަހަކަށް ވެއްޖެ. ވަތަނީ ގައުމީ ދުވަހަކަށް ހަދަން ވެއްޖެ. އެއީ އެކަހަލަ ވިޔާނުދާ ކަންކަމާ ދެކޮޅަށް އަޒުމް ކަނޑައަޅާ އެކަން ވިޔަނުދިނުމަށްޓަކައި އަޅުގަނޑުމެން ހިތްވަރުގެ ކަމަރު ބަންނަންޖެހޭ ދުވަހަކަށް ހަދަން ވެއްޖެ،" ގިނަ އަދަދެއްގެ ކަނބަލުން ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް އިންޑިއާގެ އަސްކަރިއްޔާ ފޮނުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާތީ އެކަމަށް ރައީސް ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. ރައީސް ވިދާޅުވީ މާޒީގައި ދިވެހި ގައުމުގެ މިނިވަންކަން ފޭރި، އިސްތިގުލާލް ނަގާލަން އެތައް ފަރާތްތަކަކުން ރާއްޖެ އައި ކަމަށާއި ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އެތައް ދިވެހިންގެ ލޭ މިބިމަށް އޮހޮރާލި މީހުން ދިވެހި ފަސްގަނޑުން ފައްސާލާފައިވަނީ ދިވެހި ބަތޮލުންތަކެއް ކަމަށެވެ.
"...ރާއްޖެއަށް ހިދުމަތްކޮށްފައި ހުރި މީހަކު މި ބުނަނީ އަނެއްކާވެސް ރާއްޖެއާ ތޮޅެން ބޭރު ބަޔަކު ގެންނަ ވާހަކަ. ކޮބައިތޯ ދީނުގެ، ކޮބައިތޯ ގައުމިއްޔަތުގެ ކަންފުޅެއް ވެސް،" ރައީސް ވިދާޅުވިއެވެ.