Back
Nov 23, 2025 SUN
SUN

ހަމަނުޖެހުމަކަށް މަގުފަހިވާ ކޮންޓެންޓް ފޮނުވާ ނަމަ، ބްރޯޑްކޮމްއިން ލައިސަންސް ހިފަހައްޓަނީ!

ހަމަނުޖެހުމަކަށް މަގުފަހިވާ ކޮންޓެންޓް ފޮނުވާ ނަމަ، ބްރޯޑްކޮމްއިން ލައިސަންސް ހިފަހައްޓަނީ!
Lead photo

ގައުމީ ސަލާމަތަށް ނުރައްކާވެ، ސުލްހަ މަސްލަސްކަން ގެއްލި، ހަމަނުޖެހުމަކަށް މަގުފަހިވާނެ ކޮންޓެންޓް ފޮނުވާ ނަމަ، ލައިސަންސް ބާތިލްކުރާނެ ކުރުމުގެ އިހުތިޔާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިގެންވާކަން އެ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް ހަނދުމަކޮށްދީފިއެވެ.

ހަމަނުޖެހުމަކަށް މަގުފަހުވާނެ ކޮންޓެންޓް ނުފޮނުވުމަށް އިލްތިމާސްކޮށް ބްރޯޑްކާސްޓިން ކޮމިޝަނުން ރޭ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ބައެއް މީޑިއާތަކުން ގައުމީ ސަލާމަތީ ބާރުތަކުގެ އަގުވެއްޓޭ ގޮތަށާއި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ތަކުރާރުކޮށް ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"..ރާއްޖޭގެ ސިފައިންނާ ހަނގުރާމަކުރުމަށް ބޭރުގެ ސިފައިންގެ އެހީ ހޯދުމަށް ކަމަށް ބުނެ އެކަމަށް ހިތްވަރު ލިބޭގޮތަށް ބައެއް ޓީވީ ސްޓޭޝަންތަކުން ކޮންޓެންޓް ގެނެސްދެމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. ވީމާ ގައުމަށް ދިމާވެފައިވާ މި ހައްސާސް ދަނޑިވަޅުގައި ހުރިހާ ބްރޯޑްކާސްޓަރުންވެސް ކޮންޓެންޓް ގެނެސްދިނުމުގައި އިތުރަށް ސަމާލުވުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.،" އެ ސާކިއުލާގައި ބުނެފައިވެއެވެ.

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފި ނަމަ، ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފައެވެ.

"..ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ގައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފި ނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ އިޚްތިޔާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިގެންވާ ކަމާއި އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމުގައި އަންގަމެވެ.،" ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.

މިމަހުގެ އެއްވަނަ ދުވަހު ފަސް ފަނޑިޔާރުންގެ ބެންޗުން ސުޕްރީމް ކޯޓުން ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް އަމުރެއް ނެރުނު ނަމަވެސް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ރޭ ވަނީ އެ އަމުރު ބާތިލްކޮށްފައެވެ.

ކުރިން ނެރުނު އަމުރު ސުޕްރީން ކޯޓުން ރޭ ބާތިލްކުރި އިރު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ކުރާ ރިޝްވަތުގެ ތުހުމަތާ ގުޅިގެން، އެ ދެ ބޭފުޅުން މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ ހައްޔަރުކޮށްފައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics