08 Feb 2018, 00:03
ހިލާލީގެއާ ހަމައަށް ދިރިއުޅުން ބަދަލުކުރައްވަންދެން ނެންގެވީ މުސާރައިގެ އެއްބައި ކަަމަށާއި މިހާރު ފުލް މުސާރަ ނަންގަވާ ކަމަށް ރައީސް އަބްﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ވެސްޓް ޕާކް ސަރަހައްދުގައި މިރޭ ބޭއްވި "ކަނބަލުންގެ ގުޅުން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ގަނޑުވަރެއްގައި އުޅެން ބޭނުންވާ މީހެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަކީ ލައްޒަތާއި މުއްސަނދިކަން ބޭނުންވާ ބޭފުޅެއް ވެސް ނޫން ކަމަށާއި މިހާރު ފުލް މުސާރަ ނަންގަވަނީވެސް ދިރިއުޅުމަށް އައި ބަދަލާ ގުޅިގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ކުރީގެ ރައީސް މައުމޫންގެ ބޮޑެތިވެފައި ތިއްބެވި ކުދިން ދައުލަތުގެ ފައިސާއިން ފަރިއްކުޅުއްވާ އުޅުއްވީމަ ބައެއްގެ ހަސަދަ ވެެރިކަމުން ގާނޫނު އަސާސީ ލިޔުނު އިރު އެފަހަރު ލިޔެފަ މިއޮތީ ބާލިޣުނުވާ ކުދިންނަށް އެކަންޏޭ ޚަރަދުކުރެވޭނީ ދައުލަތުގެ ހަރަދުން،" ރައިސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެކަން އެގޮތަށް އޮތުމުން އަމިއްލަފުޅު ގެކޮޅު ވިއްކާލި ހިސާބުން ބޮޑަށް ތިބި ދެކުދިންނަށް ޚަރަދު ކުރުމަށް މުސާރަ ނަންގަވަން ޖެހިވަޑައިގަތީ ކަމަށެވެ.
"އަޅުގަނޑު މުސާރަ އެއްކޮށް ނަގަން ޖެހުނީ އަޅުގަނޑުގެ އެބަތިބި ބޮޑުވަފައި ތިބި ދެކުދިން. އަންހެން ކުއްޖާވެސް އަދި ފިރިހެން ކުއްޖާވެސް މީހަކާއި އިނދެގެން އުޅެނީ އާއިލާއެއް ގޮވައިގެން. މި ދެކުދިންނަށް ތަންތަން ހިފައިދޭން ޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ދަރިންގެ ކަންކަން ހަމަޖެއްސުމަށް މުސާރަ ފިޔަވާ ދައުލަތުގެ ފައިސާއިން ޚަރަދުކުރާނެ މީހެއްނޫންކަމަށެވެ. އަދި ކުރިން އާއިލާގެ ކަންކަން ހަމަޖެއްސީ ވިއްކާލި "ގ. ދޫވެހި" ކުއްޔަށް ދީގެން ލިބުނު ފައިސާއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މާތްﷲ އެމަނިކުފާނު ނިކަމެތިނުކުރައްވާ ކަމަށާއި ދަތިވާ ވަގުތުތަކުގައި އެހީތެރިވަނީ ރަހުމަތްތެރިން ކަމަށެވެ. އަދި ވިދާޅުވީ ރައްޓެހިންނަށް އެމިނިކުފާނު އުޅޭ ހާލު އެނގިލައްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ރައްޓެހިން އަޅުގަނޑަށް އެހީވޭ. ދައުލަތުގެ ފައިސާގައި ނުޖެހޭނެ ކަން އެމީހުންނަށް އެނގޭ." ރައީސް ޔާމީން ވިދާޅުވިއެވެ.