07 Feb 2018, 21:20
ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް ތިން ފަނޑިޔާރުންނަށް ވެސް ބެލޭނެ ކަމަށާއި އެ ކޯޓުގެ އަގު ވެއްޓޭގޮތަށް ވާހަކަ ދައްކާ ނަމަ ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު ރާއްޖޭގެ އެންމެ މަތީ ކޯޓުން ދީފިއެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމަށް ކުރުމަށް ކުރި އަމުރާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބާރުތައް ކަނޑުވާލި އަމުރު އެ ކޯޓުގެ ތިން ފަނޑިޔާރުން އިއްޔެ ވަނީ ބާތިލުކޮށްފައެވެ.
މިހާރު އެ ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުން މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ ކުރިން ނެރުނު އަމުރު ބާތިލްކޮށް އަލަށް ނެރުނު އަމުރާ ގުޅޭ ގޮތުން ފަނޑިޔާރުންގެ މުސްތަގިއްލުކަމާމެދު ޝައްކު އުފެދޭ ގޮތަށް ތަފާތު މީޑިއާތަކުންނާއި އެކިއެކި ފަރާތްތަކުން ހަގީގަތާ ހިލާފަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ޣައިރު ގާނޫނީ ވާހަކަތަކެއް ކަމަށެވެ.
އެ އަމުރުގައި ބުނެފައިވަނީ އެއްވެސް ފަރާތަކުން އެފަދަ އެއްވެސް އަމަލެއް ނުކުރުމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅާނެ ކަމަށެވެ.
"...އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުން ގެންދާނެކަން އެންގީމެވެ.،" ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ވެއެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނީ، ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހުގެ ދަށުން މިހާރު އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަހެއް ކަމަށް ވުމުން، ދުސްތޫރީ ތަބީއަތުގެ މައްސަލައެއް ނުވަތަ ދުސްތޫރީ ތަބީއަތާ ގުޅުން ހުރި އެއްވެސް ކަމެއް ބަލައި ނިންމުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތު ހިމެނޭ އޮނަހިރި އަދަދަކީ ތިނެއް ކަން ސާފުކޮށް އެނގޭ ކަމަށެވެ.
"...ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން އެފަދަ ދުސްތޫރީ މައްސަލައެއް ބަލައި ނިންމުމަށް ދުސްތޫރީ ގޮތުންނާއި އަދި ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް.،" ސުޕްރީމްް ކޯޓުގެ އަމުރުގައި ވެއެވެ.
މީގެ އިތުރުން އެއްވެސް ސަބަބަކާ ހުރެ އުއްތަމަ ފަނޑިޔާރަށް ހާޒިރުނުވެވޭނަމަ، އެއިރެއްގައި ފަނޑިޔާރުންގެ މަޖިލީހަށް ހާޒިރުވެ ތިބި އެންމެ އިސް ފަނޑިޔާރެއްގެ ރިޔާސަތުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހެއް ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތްކަން "ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދު" ގެ ހަވަނަ މާއްދާއިން ރަނގަޅަށް އެނގެން އޮންނަކަން ކޯޓު އަމުރުގައި ފާހަގަކޮށްފައި ވެއެވެ.
ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ މައްޗަށް އެކުލެވޭ ތިން ފަނޑިޔާރުންގެ ބެންޗުން މިރޭ އަމުރެއް ނެރުއްވީ ފަސް ފަނޑިޔާރުންގެ އަމުރު ތިން ފަނޑިޔާރުންނަށް ބާތިލު ނުކުރެވޭނެ ކަމަށާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހިމެނިވަޑައިނުގަންނަވާ ގޮތަށް ސުޕްރީމް ކޯޓަށް މައްސަލަތައް ނުބެލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށެވެ.
ސުޕްރީން ކޯޓުން އެ އަމުރު ނެރުނުއިރު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދަށް ކުރާ ރިޝްވަތުގެ ތުހުމަތާ ގުޅިގެން، އެ ދެ ބޭފުޅުން މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ ހައްޔަރުކޮށްފައެވެ.