20 Aug 2011, 11:43
ސެޕްޓެމްބަރު 2010 ގެ ފަހުން ފުރަތަމަ ފަހަރަށް ބްރެޒިލް ގައުމީ ޓީމްގެ ސްކޮޑުގައި ފްލެމިންގޯ ތަރި ރޮނާލްޑީނިއޯ ހިމަނައިފި އެވެ. ކޯޗް މަނޯ މެނެޒޭސް ރޮނާލްޑީނިއޯ އަލުން ޓީމްގައި ހިމެނީ އަންނަ މަހު ގާނާ އާއި ދެކޮޅަށް ބްރެޒިލް ކުޅޭ އެކުވެރިކަމުގެ މެޗަށެވެ.
ބަރުދަން އިތުރުވުމުގެ އިތުރުން ފޯމް ވެސް ގެއްލިފައިވާ ރޮނާލްޑީނިއޯ އެންމެ ފަހުން ގައުމީ ޓީމުގައި ކުޅެފައި ވަނީ އާޖެންޓީނާއާއި ދެކޮޅަށް މީގެ ނުވަ މަސްކުރިންނެވެ. ނަމަވެސް ރޮނާލްޑީނިއޯ އާ ނުލައި ބްރެޒިލްގެ މެދުތެރެ ފެނިފައި ވަނީ ބަލިކަށިކޮށް ހާ އަޅާފައި އޮށްވަ އެވެ.
ފިޓްނަސް ގެއްލި، އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ނަމަވެސް ބާސެލޯނާ އާއި އޭސީ މިލާންގެ ތަރި ބްރެޒިލްގެ ފްލެމިންގޯއަށް ބަދަލުވެ ފަހަކަށް އައިސް އަންނަނީ އޭނާގެ ކުރީގެ ޖާދޫ ދައްކަމުންނެވެ. ރޮނާލްޑީނިއޯ ފްލެމިންގޯގައި ކުޅުނު 15 މެޗުން ނުވަ ގޯލް ޖަހައި ބްރެޒިލްގެ ލީގުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެ ލިސްޓުގައިވެސް ވަނީ ހިމެނިފަ އެވެ.
ރޮނާލްޑީނިއޯ ބްރެޒިލް ގައުމީ ޓީމަށް ކުޅުނު ދުވަސްވަރު އެޓީމަށް ކުޅުނު ކީޕަރު ޖޫލިއޯ ސެޒާ، ކެޕްޓަން ލޫސިއޯ، ރޮބީނިއޯ އަދި ޕަޓޯ ހިމެނުނުއިރު އަނިޔާއާ ގުޅިގެން އިންޓަމިލާންގެ މައިކޮން ހިމަނާފައެއް ނުވެ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ގާނާއާއި ދެކޮޅަށް ނުކުންނަ ބްރެޒިލްގެ ސްކޮޑް:
ގޯލަކީޕަރުން: ޖޫލިއޯ ސެޒާ، ފަބިއޯ، ޖެފާސަން.
ޑިފެންޑަރުން: ޑެނިއަލް އަލްވޭސް، ތިއާގޯ ސިލްވާ، ޑޭވިޑް ލުއިޒް، އެޑްރިއާނޯ، ޑަނީލޯ، ޑެޑޭ، ލޫސިއޯ، މާސެލޯ.
މިޑްފީލްޑަރުން: ރޮބީނިއޯ، ނޭމާ، ޕަޓޯ، ހަލްކް، ލިއާންޑްރޯ، ޑަމިއާޑޯ.