ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ސިފައިން ރާއްޖެއަށް އެރުމަށް ގޮވާލެއްވި ގޮވާލެއްވުމަށް ރައްދު ދެއްވައި، ޑރ. ޚަލީލު ވިދާޅުވީ، އިންޑިއާއަކީ ވަރަށް ކުރީއްސުރެ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނާއި ދޭތެރޭ އަނިޔާވެރިކޮށް ކަންތަކެއް ނުކުރާނެ ކަމަށެވެ.

"ނަޝީދު މި ކުރައްވާ ކަންތައްތަކަކީ ހަގީގަތުގައި ވެސް ނުވަ ވަނަ ހަސަން ރަސްގެފާނު ކުރެއްވި ކަހަލަ ނުބައި ރޭވުންތަކެއް ރާވައިގެން ރާއްޖެ އަޅުވެތިކުރުމަށް ކުރާ މަސައްކަތް. ހަމައެކަނި ނަޝީދު ކުރައްވާ ކަމެއް ނޫން މިއީ. ނަޝީދުގެ ވާހަކަތަކަށް ތައުރީފުކޮށް ވާހަކަދައްކަމުން ދާ އިދިކޮޅުގެ އިސް ސަފުގައި މަސައްކަތް ކުރާ ބޭފުޅުން ވެސް މިކަމުގައި ހިމެނޭ."

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ ހަލީލު ވިދާޅުވީ ފޭކް އެކައުންޓުތައް ހަދައިގެން އިންޑިއާ ރައްޔިތުންގެ ނަމުގައި އިންޒާރު ދިނުން ފަދަ ކަންކަން ކުރާ ބަޔަކު ވެސް އެބައުޅޭ ކަމަށާއި އެކަން، ކަމާ ބެހޭ ފަރާތްތަކުން ބަލަން ގޮވާލާ ކަމަށެވެ.

"ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް އިދިކޮޅުން ކުރާ މަސައްކަތް މިއަދުން މިއަދަށް ހުއްޓާލަން ޖެހޭ. އެއީ ގައުމަށް ޣައްދާރުވުން. އަޅުގަނޑު ދިވެހި ފުލުހުންނަށް ގޮވާލަން މިކަން ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް،" ހަލީލު ވިދާޅުވިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، ފަނޑިޔާރުންނާއި، ސިޔާސީ ގައިދީންނާއި އަދި ކުރީގެ ރައީސް މައުމޫނު މިނިވަންކުރުމަށް، އިންޑިއާގެ ވަފުދެއް، އިންޑިއާގެ ސިފައިންނާއެކު ފޮނުވުމަށް ދިވެހިރައްޔިތުންގެ ނަމުގައި އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، ރައީސް ޔާމީން ސަރުކާރުގެ އިސްވެރީން އެމެރިކާގެ ބޭންކުތައް މެދުވެރިކޮށް ކުރައްވާ ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް، އެމެރިކާގެ ސަރުކާރަށް ވެސް ރައީސް ނަޝީދު ގޮވާލައްވާފައި ވެއެވެ.