07 Feb 2018, 20:28
މާތް ﷲގެ އިރާދަފުޅާއެކު މަޑުމަޑުން ދިވެހި ގައުމު އަމާންކަމުގެ ބަނދަރަކާ ދިމާއަށް އެބަދާކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ވަރަށް އަވަހަށް ހައްލުވެގެން ދާނެ ކަމަށާއި ހުރިހާ ރައްޔިތުން ވެސް ސަރުކާރާއެކު ތިބުމަށް ގޮވާލާ ކަމަށެވެ.
"ﷲގެ އިރާދަފުޅާއެކު އަޅުގަނޑުމެންގެ ގައުމު މަޑުމަޑުން އަމާންކަމުގެ ބަނދަރަކަށް މިދަނީ. އިރާދަކުރެއްވިޔާ ހުރިހާކަމެއް ހައްލުވެގެންދާނެ. ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އަޅުގަނޑުމެނާއެކު ތިބުމަށް ތިން ޕާޓީން ވެސް ގޮވާލަން. އަދި ރައީސުލްޖުމޫހުރިއްޔާއަށް އެހީތެރިވާ އަދި ލޯބިކުރާ ހުރިހާ ފަރާތްތަކުން ވެސް އެގޮތުގައި ތިއްބެވުމަށް ގޮވާލަން،" މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ، ރައީސް ޔާމީނަކީ ގާނޫނާ ހިލާފަށް އަމަލުކުރައްވާނެ ބޭފުޅެއް ނޫންކަން މިއަދު ހުރިހާ ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށެވެ.
"މިއަދު ފުލުހުން އެ އާންމުކުރި މައުލޫމާތުން ވެސް އެނގޭ ރައީސް ޔާމީނަކީ ގާނޫނާއި ހިލާފަށް އަމަލުކުރައްވާނެ ބޭފުޅެއް ނޫންކަން. މިކުރު ތާރީހުގައި ހިނގާދިޔަ ކަންތައްތަކަކީ ރައީސުލްޖުމޫހުރިއްޔާ ގާނޫނީ ތަރަހައިގެ ތެރެއިން އަޅުގަނޑުމެން އެންމެނަށް ސާބިތުވެގެން ހިނގައްޖެ،" މައުރޫފް ވިދާޅުވިއެވެ.
ހައްޔަރުކޮށްފައިވާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި އިތުރުން ސީރިއަސް ތުހުމަތު ތަކެއް ކުރެވޭ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވެސް ތަފާތު ތިން ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.