07 Feb 2018, 20:21
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިޔަވަޅެއް އަޅުއްވާނީ ވަރަށް ބޮޑަށް ވިސްނާވަޑައިގެން، އެނޫން އެހެން ގޮތެއް ނެތިގެން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ކީއްވެކަން މިއަދު ދިވެހި ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ސަބަބު މިއަދު ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ. އެކަން ކުރީ ހަމައެކަނި ރައީސް ޔާމީންގެ ވެރިކަން ދިފާއުކުރާކަށް ނޫން. ފުލުހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު އެކަން ކުރަން ލަސްވެއްޖެ ކަމަށް ފެންނަނީ. ރައީސް ޔާމީން ފިޔަވަޅެއް އަޅުއްވާނީ ވަރަށް ބޮޑަށް ވިސްނައި އެހެން ގޮތެއް ނެތުމުން،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، މިއަދަކީ ގައުމީ ނަޒަރަކުން ވިސްނާއިރު ވަރަށް ހިތްދަތި ދުވަހެއް ކަމަށާއި ނިޝާން ގާޒީގެ ލަގަބު ހާސިލް ކޮށްފައިވާ ބޭފުޅުން ވެރިކަން ވައްޓާލަން މަސައްކަތް ކޮށްފައިވާ މީހުންގެ ލިސްޓުގައި ހިމެނެން ޖެހުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"ނިޝާން ގާޒީގެ ލަގަބު ހާސިލް ކޮށްފައިވާ ބޭފުޅުން، އެތައް ޒަމާނެއް ވަންދެން ގައުމަށް ހިދުމަތްކޮށް، ދިވެހި ތާރީހުގައި ރަންއަކުރުން ނަން ލިޔެފައިވާ ބޭފުޅުން މިއަދު ގާނޫނީ ސަރުކާރެއް ވައްޓާލަން އުޅުނު ބައެއް މީހުންނާއި އެއް ލިސްޓުގައި، މިސާލަކަށް ހާޖަރާގޭ އަބްދުﷲ ލުތުފީ މެންގެ ނަން ލިޔާ ލިސްޓެއްގައި އެފަދަ ބޭފުޅުން ނަން ލިޔަންޖެހިދާނެ ކަމަށް ތުހުމަތު ކުރެވުމަކީ ވެސް ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ މިފަދަ ނުބައި ރޭވުމަކުން ގައުމު ސަލާމަތްކޮށްދެއްވީތީ މާތްﷲ އަށް ހަމްދުކުރަން ޖެހޭނެ ކަމަށެވެ. އަދިި ރައީސް ޔާމީނުގެ ހިކުމަތްތެރިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހައްޔަރު ކުރެވިފައިވާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބާރުން ގައުމު ހަލާކުގެ ތެރެއަށް ވައްޓާލާތަން ބަލަން ނުތިބޭނެ ކަމަށް އަދުރޭ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހައްޔަރުކޮށްފައި ވަނި އިއްޔެއެވެ. އެ ދެ ބޭފުޅުންގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ އެންމެ އިސްވެރިއާ ހަސަން ސައީދު ހުސައިން ވެސް ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.