ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އޭނާއާ ގުޅުން ހުރި ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށް އެކްޓިން ކަމިޝަނާރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވާޒް ވިދާޅުވީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކިގޮތަކަށް ކުރުމުގެ ތުހުމަތު އަލީ ހަމީދުގެ މައްޗަށް ކުރެވޭ ކަމަށެވެ.

ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން މަސައްކަތް ކުރުމުގެ ތުހުމަތާއި ދައުލަތް ހިންގުމަށް ހުރަސްއަޅައި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްތުގައި ހުރަސްއެޅުމުގެ ތުހުމަތު ކުރެވޭ ކަމަށް ވެސް ނަވާޒު ވިދާޅުވިއެވެ.

ނަވާޒް ވިދާޅުވީ ފުލުހުންގެ ތަހުގީގަށް އެ މައްސަލާގައި ބޮޑެތި ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށާއި އަލީ ހަމީދާއި ގުޅުން ހުރި ފައިސާތަކެއްވެސް ހޯދާފައިވާ ކަމަށެވެ.

"މި މައްސަލަ އާ ގުޅިގެން އަލީ ހަމީދާ ގުޅުންހުރިކަމަށް ގަބޫލު ކުރެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުން ކުރި މަސައްކަތަކުން މިވަނީ ހޯދިފައި. އޭގެ އިތުރުން މިކަމާ ގުޅުންހުރި އިތުރުހެކިތައް ވެސް ލިބިފައިވާ ވާހަކަ ދަންނަވަން،" ނަވާޒް ވިދާޅުވިއެވެ.

އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ސުޕްރީމް ކޯޓް ތެރޭގައި ހުއްޓައެވެ.

އަލީ ހަމީދު ބަންދުގައި ހުއްޓައި އޭނާއަށް ހާޓް އެޓޭކެއް ޖެހިގެން އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

އަލީ ހަމީދު ހައްޔަރުކޮށް އޭނާއާ މެދު ސީރިއަސް ތުހުމަތު ތަކެއް ކުރެވޭ އިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަލީ ހަމީދު ވަނީ މިއަދު ސަސްޕެންޑުކޮށްފައެވެ.