25 May 2010, 10:26
14:30
މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު، މި އަހަރުގެ އެޕްރީލް މަހު މާލޭގެ އިންފްލޭޝަން ރޭޓް 6.23 ޕަސެންޓް މައްޗަށް ހިނގައްޖެ އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން ނެރެފައިވާ އެޕްރީލް މަހުގެ މާލޭ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގައިވާ ގޮތުން މިއަހަރުގެ މާޗް މަހާއި އަޅާ ބަލާއިރު އެޕްރީލް މަހުގެ އިންފްލޭޝަން ރޭޓް ވަނީ 0.83 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.
ހުސްވި އަހަރުގެ މާޗް މަހާ އަޅާބަލާއިރު މިއަހަރުގެ މާޗްމަހު މައިގަނޑު ގޮތެއްގައި އަގުތައް މަތިވެފައިވަނީ ތައުލީމުގެ ބައިންނެވެ. އަދި ފަރުނީޗަރާއި ގެދޮރުގެ ބައިންނާއި މަހުގެ ބައިން ވެސް އަގު އުފުލިފައިވެ އެވެ.
މިދިޔަ މަހު ތައުލީމުގެ ބައިގެ އިންފްލޭޝަން ރޭޓް 5.14 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. އެގޮތުން މާޗް މަހާ އަޅާބަލާއިރު އެޕްރީލްމަހު ސްކޫލް ފީގެ ބައިން ވެސް 11.45 ޕަސެންޓް މަތިވެފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ އިން ބުނެ އެވެ.
އެޕްރީލް މަހު ކަނޑު މަހުގެ އަގު 31 ޕަސެންޓް އަދި ފަރުމަހުގެ އަގު 14 ޕަސެންޓް ވަނީ އުފުލިފަ އެވެ. ދަތުރުފަތުރުގެ އިންފްލޭޝަން ރޭޓް ވެސް ވަނީ 1.86 ޕަސެންޓް އުފުލިފައި އެ ޑިޕާޓްމަންޓުން ބުނެ އެވެ.