ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް އަޅުގަނޑުމެން އަމިއްލައަށް ހައްލުކުރެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެ އެވެ.

ދެހާސް ބާރަވަނަ އަހަރު 7 ފެބްރުއަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ހާދިސާ އަށް އިޝާރާތްކުރައްވައި ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތާރިހުން އިބުރަތް ހާސިލް ނުކުރާ ނަމަ އެކަން އަލުން އިއާދަވެގެން ހިނގައިދާނެ ކަމަށެވެ.

"ރާއްޖެއަށް މިހާރު ބޭނުން ވަނީ އެހެން ކަހަލަ ސިޔާސީ މާހައުލެއް. ސިޔާސީ ގޮތުން މިގައުމަށް ބޭނުން ވަނީ އެކަކު އަނެކަކާ ޖެހި ނަފުރަތު އެކުލެވޭ ސިޔާސީ މާހައުލެއް ނޫން. ސިޔާސީ ގޮތުން އެބަ ޖެހޭ އަޅުގަނޑުމެން އޭގައި ޝާމިލްވެ، ތެދުވެރިކަމާ އެކު އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަން،" ވަހީދު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ގަޑުބަޑުކޮށް އެކި ފާރާތްތަކުން ފަތުރާ ނަފުރަތުގައި ނުޖެހި އަޅުގަނޑުމެން އަމިއްލަ ބުއްދީގެ ވިސްނުން އިސްކުރަން ޖެހޭ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވާހަކަ ދައްކައިގެން އެންމެން އެއްބަސްވުމަކަށް އައިސްގެން ނޫނީ ރާއްޖޭގައި އަމާން މުޖުތަމުއެއް ގާއިމް ނުކުރެވޭނެ ކަމަށެވެ.

ވަހީދު ވިދާޅުވީ އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ދަރިންނާ މެދު ފުންކޮށް ވިސްނައި އިހްލާސްތެރިކަމާ އެކު ހުރިހާ ބައެއްގެ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކޮށްފި ނަމަ ރާއްޖޭގެ މައްސަލަތައް ހައްލުކުރެވިގެން ދާނެ ކަމަށެވެ.

ރައީސް ވަހީދު ވަނީ ރާއްޖޭގެ ނާއިބު ރައީސްކަން 2008 އަކުން 2012 އަދާ ކުރައްވައިފަ އެވެ. އަދި ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު 2012 އިން 2013 އަށް ވަނީ ރައީސް ކަމުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.