07 Feb 2018, 16:24
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ސަސްޕެންޑުކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަލީ ހަމީދު ސަސްޕެންޑުކުރީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ.
ޖޭއެސްސީން ބުނީ އަލީ ހަމީދު ސަސްޕެންޑް ކުރީ ގައުމަށް ހިޔާނާތްތެރިވުމާއި ރިޝްވަތުހިފުމުގެ އިތުރުން ގާނޫނީ ސަރުކާރު ބަޣާވާތަކުން ވައްޓާލަން މަސައްކަތް ކުރިކަމުގެ ސާބިތު ހެކި ލިބިފައިވާތީ ކަމަށެވެ.
ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ އިތުރަށް ބަލަން ވެސް މިއަދު ޖޭއެސްސީން ވަނީ ނިންމާފައެވެ.
ނަމަވެސް އަލީ ހަމީދު ސަސްޕެންޑް ކުރުމަށް ވޯޓު ދިނީ ކިތައް މެންބަރުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަޑިޔާރު ކަމުން އަލީ ހަމީދު ސަސްޕެންޑް ކޮށްފައިވާއިރު، ސަރުކާރުން މިދިޔަ ހޯމަ ދުވަހުގެ ރޭ ކުއްލި ހާލަތު އިއުލާން ކުރުމަށްފަހު ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެކު އަލީ ހަމީދު ވެސް ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފައެވެ.
އަލީ ހަމީދު އާއި އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވަނީ ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެ ހައެއްކަ ގަޑިއިރު އެ ކޯޓުގެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައެވެ.
އަލީ ހަމީދު ހައްޔަރު ކުރީ ފްލެޓް ގަތުމުގައި ހިންގި ކަމަށް ބުނާ ރިޝްވަތުގެ ތުހުމަތެއްގަ އެވެ. ނަމަވެސް އަލީ ހަމީދުގެ އާއިލާގެ ފަރާތުން މީގެކުރިން ބުނެފައިވަނީ ފްލެޓް ގަތުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.
އަލީ ހަމީދު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ރޭ ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައެވެ.