ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދިވެހިބަހުން ވާހަކަ ދެއްކުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންނަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންގައިފިއެވެ.

މައުމޫންގެ ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދޫނިދޫގައި މިހާރު ހައްޔަރުކޮށްފައި ހުންނެވި ރައީސް މައުމޫނާ ވަކީލުންނަށް މުއާމަލާތު ކުރެވޭނީ ހަމައެކަނި ދިވެހި ބަހުން ކަމަށް ފުލުހުން އަންގައިފައިވާ ކަމަށެެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީގެން ގާނޫނީގޮތުން ރާއްޖޭގައި އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަނބިދަރިކަލުން އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން މުހައްމަދު ނަދީމް ވެސް އެ މައްސަލާގައި ހައްޔަރުކޮށްފަ އެވެ.