07 Feb 2018, 13:53
މާޗު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އޭޝިއާގެ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބީޗް ވޮލީބޯޅަ މުބާރާތް ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ތައިލެންޑުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް އަދި އޭޝިއަން ވޮލީ ބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ މެމްބަރު މުހައްމަދު ލަތީފް (ލަތީބެ) ސަން ސްޕޯޓްސްއަށް ވިދާޅުވީ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް ފަސްކުރީ ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ބޭރުގެ މީޑިއާތަކުގައި ފެތުރޭ އަޑުތަކުގެ ސަބަބުން، މުބާރާތް ކުޅޭ ގައުމުތަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާތީ އޭވީސީގެ ލަފާގެ މަތިން ކަމަށެވެ.
މާޗު މަހުގެ 20 އިން 27 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް މުބާރާތް ލަސްކުރަން ޖެހުނީ ރާއްޖޭގައި ނެތް ހާލަތެއްގެ މައުލޫމާތު ބޭރުގެ މީޑިއާތަކަށް ބައެއް ފަރާތްތަކުން ދިނުމުން ކަމަށްވެސް ލަތީފް ފާހަގަކުރެއްވިއެވެ. އަދި އިރާދަ ކުރެއްވިއްޔާ އަންނަ އަހަރު އަނެއްކާވެސް އެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށްވެސް ލަތީފް އިތުރަށް ވިދާޅުވިއެވެ.
އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗު ވޮލީ މުބާރާތަކީ މުޅި އޭޝިއާއަށް ހުޅުވާލައިގެން ރާއްޖޭގައި ބޭއްވުމަށް ތާވަލުކުރި ފުރަތަމަ ވޮލީ މުބާރާތެވެ. މި މުބާރާތުގައި އޯޝޭނިއާ އަދި އޭޝިއާގެ ގައުމުތަކަށް ވާދަކުރެވޭނެއެވެ. ވޭތުވެދިޔަ އަހަރު މުބާރާތް ބާއްވާފައިވަނީ ވެސް ތައިލެންޑްގެ ޝޮންގްލާގައެވެ.