ގައުމީ އިނާމޭ ބެހޭ ކޮމެޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހްމަދު އެ ކޮމެޓީން ވަކިވެވަޑައިގެންފި އެވެ. އެ ކޮމެޓީގެ އިތުރުން އަނީސާ ވަނީ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑުން ވެސް ވަނީ ވަކިވެވަޑައިގެންފަ އެވެ.

ސަރުކާރުގައި އަނީސާ އަދާކުރައްވަމުން ގެންދެވި ހުރިހާ މަގާމަކުން ވެސް އިސްތިއުފާ ދެއްވިކަން އެކަމަނާ ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ. އިސްތިއުފާ ދެއްވި ސަބަބެއްކަމަށް އަނީސާ ވިދާޅުވީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދިމާވެގެން އުޅޭ ކަންކަމާ ހެދި ކަމަށެވެ.

"އެ މަގާމުތަކާ އަޅުގަނޑު ހަވާލުވީ ވެސް އަޅުގަނޑަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ މީހެއް، ހަމަހަމަކަށް ގެނެވޭތޯ ބަލާ މީހެއް]ކަމަށް ވާތީ[. އެ އުސޫލުން އެއީ އަޅުގަނޑުގެ ޕެޝަނަކަށް ވަތީ އަޅުގަނޑު މިކަންކަން ކުރުމަށް ގެންދިޔައީ މިހާތަނަށް،" ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި އަނީސާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ސަރުކާރުގެ ކަންކަން ހިނގަމުންދަނީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތަށް ނޫން ކަމަށް އަނީސާ ވިދާޅުވި އެވެ. އަދި އިސްތިއުފާ ދެއްވީ މި ދަނޑިވަޅުގައި ސަރުކާރާ ގުޅިގެން އެއްވެސް ކަމެއް ކުރަން ބޭނުން ނުވާތީ ކަމަށް އަނީސާ ވިދާޅުވި އެވެ.