07 Feb 2018, 14:44
ދޫނިދޫގައި ބަންދުކުރިތާ ދެ ދުވަސް ވެފައިވާ އިރު، ބައްޕާފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ހާލުކޮޅާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނިކޮށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ، ރައީސް މައުމޫން ހައްޔަރުކުރީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ރައީސް މައުމޫން ހައްޔަރުކޮށް، ދޫނިދޫގައި ބަންދުކޮށްފައިވާ އިރު، މައުމޫންގެ ދޮށީ ދަރިކަނބަލުން އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވަނީ ޓުވީޓު ކުރައްވައި، ބައްޕާފުޅުގެ ހާލުކޮޅާ މެދު ކަންބޮދުވުން ފާޅުކުރައްވައިފަ އެވެ.
"ދޫނިދޫގައި ދެވަނަ ރޭ ހޭދަކުރައްވާފައިވާ، އަޅުގަނޑުގެ ބައްޕައާ މެދު ވަރަށް ކަންބޮޑުވޭ. އުންމީދުކުރަނީ އަވަހަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް،" ދުންޔާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޓުވީޓު ކުރައްވައި ވިދާޅުވީ، ދޫނިދޫގައި ހުންނެވި ރައީސް މައުމޫން ފަރީއްކުޅުވުމަށް ދެކޮޅު ހައްދަވަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ދުންޔާ މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ އިތުބާރުކުރެވޭ މުއައްސަސާތަކެއް އެކުލަވާލައި، މައްސަލަތަކަށް ދިގު މުއްދަތެއްގެ ހައްލެއް ހޯދަންވެއްޖެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ އިރުޝާދު ހޯދައިގެން ނަމަވެސް ހައްލު ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މަޝްވަރާއިން ހައްލެއް ހޯދަން ވެއްޖެ. ބޭރުގެ ފަރާތްތަކުގެ އިރުޝާދު ހޯދި ނަމަވެސް ނިންމުންތައް ނިންމަން ޖެހޭނީ އަހަރެމެން ދިވެހީން،" ދުންޔާ ވިދާޅުވި އެވެ.