ސޯލް (ފެބްރުއަރީ 7): ދެކުނު ކޮރެއާގައި ބާއްވާ ވިންޓާ އޮލިމްޕިކް ގޭމްސް ފެއްޓުމުގެ ރަސްމިއްޔާތަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ކޮއްކޯފުޅު ވަޑައިގަންނަވާނެ ކަމަށް ދެކުނުން ބުނެފި އެވެ.

އުތުރު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮންގް އިލްގެ އެންމެ ހަގު ދަރިކަނބަލުން ކަމަށްވާ ކިމް ޔޯ ޖޮންގް ދެކުނު ކޮރެއާއަށް ވަޑައިގަންނަވަނީ، ރަމްޒީ ގޮތެއްގައި އުތުރުގެ ވެރިޔާގެ ގޮތުގައި ހުންނަވާ ކިމް ޔޮންގް ނަމްއާ އެއްކޮށެވެ.

އެއީ ދެ ކޮރެއާގެ ތާރީހުގައި ވެސް ދެކުނު ކޮރެއާއަށް ވަޑައިގަންނަވާ އުތުރުގެ އެންމެ އިސް އޮފިޝަލުންނެވެ.

އަންނަ ހުކުރު ދުވަހު ފެށޭ ވިންޓާ އޮލިމްޕިކްސްގައި ބައިވެރިވުމަށް އުތުރު ކޮރެއާއިން ފޮނުވާ ވަފުދުގައި 299 ޗިއާލީޑަރުންނާއި ކޮރެޔާ ޚާއްސަ މާޝަލް އާޓްސް ހުނަރެއް ކަމަށްވާ ޓައިކްވޮންޑޯ ހުނަރު ދައްކާލާނެ 26 މީހުންނާއި 21 ނޫސްވެރިން ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މިހާރު ވަނީ ދެކުނަށް ގޮސްފަ އެވެ.

ސޯޅަ ދުވަހަށް ދެމިގެންދާ ވިންޓާ އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ބައިވެރިވުމުން ދެ ގައުމުގެ ގުޅުން ބަދަހި ވާނެ ކަމަށް އެ ދެ ގައުމުން ބުނެ އެވެ. ނަމަވެސް އޭގެ ސަބަބުން އުތުރު ކޮރެއާއިން ހަތިޔާރު ޓެސްޓު ކުރުން ހުއްޓުމަކަށް ނާންނާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. (ބީބީސީ)