20 Aug 2011, 10:09
މުޤަދީޝޫ (އޮގަސްޓް 20) : ސޮމާލިޔާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހައިހޫނުކަމުގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން، ސޮމާލިޔާގެ ވެރިރަށް މުޤަދީޝޫއަށް ވަޑައިގެންފިއެވެ. ދިގުލީ އަހްލީ ހަނގުރާމައިގެ ސަބަބުން ހަލާކުވެ ވީރާނާވެފައިވާ ސޮމާލިޔާއަކީ ސަލާމަތީ ސަބަބުތަކަށްޓަކައި ދުނިޔޭގެ ވެރިން ޒިޔާރަތްކުރައްވާ ޤައުމެއްނޫނެވެ.
ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި އެފްރިކާގެ ދެޤައުމެއްގެ ރައީސުން ފިޔަވައި ދުނިޔޭގެ އެހެން ޤައުމެއްގެ ވެރިއަކު އެޤައުމަށް ޒިޔާރަތް ކުރައްވާފައެއް ނުވެއެވެ. އުރުދުޣާން ސޮމާލިޔާއަށް ވަޑައިގެންނެވީ އޭނާގެ އާއިލާގެ އިތުރުން ތުރުކީގެ ބައެއް ވަޒީރުންނާއި ވިޔަފާރިވެރިންނާ އަދި ޕާލަމެންޓްގެ ބައެއް މެންބަރުންނާވެސް އެކުގައެވެ. އުރުދުޣާންގެ ދަތުރުފުޅުގައި ސޮމާލިޔާގެ ރައްޔިތުންނަށް ބޭހުގެ ޝިޕްމަންޓެއް ގެންދެވި ކަމަށްވެސް ޚަބަރުލިބެއެވެ.
ސޮމާލިޔާއަށް ވަޑައިގެން އެޤައުމުގެ ރައީސް ޝަރީފް އަޙްމަދު ޝަރީފް އާ ބައްދަލުކުރެއްވުމަށްފަހު އުރުދުޣާން އާއި އޭނާގެ ވަފްދުވަނީ ހައިހޫނުކަން ތަޙައްމަލްކުރާ ސޮމާލިޔާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދޭ ބައެއް ކޭންޕްތަކަށް ޒިޔާރަތް ކުރައްވައި އެމީހުންގެ ޙާލުބައްލަވައި އެމީހުންނަށް ހަމްދަރްދީ ފާޅުކުރައްވާފައެވެ. އުރުދުޣާންވަނީ 150 މިލިޔަން ޑޮލަރުގެ ކާބޯތަކެތީގެ އެހީއެއް ތުރުކީ ރައްޔިތުންގެ ފަރާތުން ސޮމާލިޔާއަށް ދެއްވިކަން ކުރިން ހާމަކުރައްވާފާ. އަދި ތުރުކީންވަނީ ސޮމާލިޔާގެ ކަންކޮޅުތަކުގައި ކާބޯތަކެއްޗާއި ބޭސްފަރުވާދޭ ކޭންޕްތައްވެސް ޤާއިމް ކޮށްފައެވެ.
ތުރުކީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިސްލާމީ ޤައުމުތަކުގެ ބައްދަލުވުމުގައި އިސްލާމީ ޤައުމުތަކުންވަނީ އަވަސްއެހީގެ ގޮތުގައި 350 މިލިޔަން އެމެރިކާ ޑޮލަރުގެ ކާބޯތަކެއްޗާއި ބޭސް ސޮމާލިޔާގެ ރައްޔިތުންނަށް ދިނުމަށް ނިންމާފައެވެ. ސޮމާލިޔާގައި ހައިހޫނުކަން ތަޙައްމަލްކުރާ 5 މިލިޔަން މީހުން ތިބިއިރު މިއީ އެޤައުމުގެ އާބާދީގެ 60% ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސޮމާލިޔާއަކީ ގާތްގަނޑަކަށް 99% މުސްލިމް ޤައުމެކެވެ. ސޮމާލިޔާގައި ދިގުލީ ވެރިކަމެއް ކުރެއްވި މުޙައްމަދު ސިޔާދު ބަރީ ގެ ވެރިކަން ވައްޓާލުމަށްފަހު މިވީ ބާވީސް އަހަރު ތެރޭގައި އެޤައުމުގެ އެތަންމިތާނގައި އަހްލީ ހަނގުރާމަ ނުހިނގާ ދުވަސްވަރެއް ނުދެއެވެ. އަދި ސިޔާދް ބަރީ ގެ ވެރިކަން ވައްޓާލުމަށްފަހު ސޮމާލިޔާ ބައިބައިވެ އެޤައުމުގެ ބޮޑެތި ޤަބީލާތަކުންވަނީ އެޤަބީލާއެއްގެ ބާރުއޮތް ސަރަޙައްދުތަކުގައި ކުދިކުދި ދައުލަތްތަކެއް އުފައްދާފައެވެ.
މުޤަދީޝޫގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ސޮމާލިޔާގެ މުސްލިމް ރައްޔިތުންގެ ތެރެއިން ފަސްމިލިޔަނެއްހާ މީހުން ބަނޑަށް ޖެހުމަކީ އިސްލާމީ ދުނިޔޭގެ އިތުރުން މުޅި ދުނިޔެވެސް ލަދުގަންނަންޖެހޭ ކަމެއް ކަމުގައެވެ. ޤައުމެއްގެ ރައްޔިތަކު ހައިހޫނުކަމުގައި މަރުވަމުންދާއިރު އިސްލާމީ ޤައުމުތަކާ އަދި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީ ގެ ނަމުގައި ވާހަކަ ދައްކާ ޤައުމުތައް ކޮބައިތޯ އުރުދުޣާންވަނީ ސުވާލު ކުރައްވާފައެވެ. މިއީ ބައިނަލްއަޤްވާމީ މުޖްތަމަޢަށް ކުރިމަތިވި އިމްތިޙާނެއް ކަމަށްވެސް އުރުދުޣާން ސިފަކުރެއްވިއެވެ.
ރިޕޯޓްތައް ބުނާގޮތުން ވޭތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައި ސޮމާލިޔާގެ 90 ހާސް ކުޑަކުދިން ވަނީ ހައިހޫނުކަމުގައި މިދުނިޔެ ދޫކޮށްފައެވެ. ސޮމާލިޔާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ކަންތައް އިސްލާމީ ޤައުމުތަކުންނާއި އދ. ން ފަށާފައިވަނީ ވަގުތު ފާއިތުވި ފަހުން ކަމަށާއި ސޮމާލިޔާގެ ރައްޔިތުން ބަނޑަށް މަރުވަމުންދާއިރު އެމީހުން ތަހައްމަލްކުރާ ވޭންތަކުގެ އަޑު އަހައި އެއަށް އިޖާބަދިނުމުގައި މުޅިދުނިޔެ ފޭލްވެފައިވާ ކަމަށް އެހީދިނުމުގައި ޙަރަކާތްތެރިވާ ޖަމާއަތްތަކުގެ ބައެއް މެންބަރުން ސިފަކޮށްފައިވެއެވެ. (އަލްޖަޒީރާ+އަލްޢާލަމް)