ސިޔާސީ މައްސަލަތަކީ ދާހިލީ މައްސަލަތައް ކަމަށާއި ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް އެހެން ގައުމަކުން ވަނުމާ ދެކޮޅު ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޗައިނާގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ޗައިނާއިން ދަނީ ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި ރާއްޖޭގައި ތަފާތު ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ވާހަކަ ދައްކައިގެން ހައްލުކޮށް، ރާއްޖެ އާންމު ހާލަތަށް ރުޖޫއަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތުގައި ރަނގަޅަށް އަމަލު ކުރުމުގެ ގާބިލުކަން ރާއްޖޭގެ ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި ރައްޔިތުންނަށް ލިބިގެންވާ ކަމަށް ޗައިނާއިން ގަބޫލު ކުރާ ކަމަށެވެ.

އަދި ރާއްޖޭގައި ތިބި ޗައިނާގެ ރައްޔިތުންނާއި، އިދާރާތަކާއި، ދެގައުމުން ގުޅިގެން ހިންގާ ޕްރޮޖެކްޓުތައް ރައްކާތެރިކުރުމަށް ޗައިނާއިން އެދިފައިވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ އިތުރުން އެގައުމުގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ހިންގާ ގްލޯބަލް ޓައިމްސް ނޫހުގައި ވެސް ވަނީ ރާއްޖޭގެ މައްސަލަތަކަށް ބޭރު ގައުމުތަކުން ނުވަނުމަށް ގޮވާލައިފަ އެވެ.

އެނޫހުގައި ލިޔެފައިވާ އެޑިޓޯރިއަލްއެއްގައި އިންޑިއާގެ ނަން ވަކިން ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން، ރާއްޖެއަށް އަބަދު ވެސް ޖެހިފައި އޮންނަނީ އިންޑިއާގެ ބަސް އެހުމާއި، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމާ ދެމެދުން ގޮތެއް އިޚްތިޔާރުކުރަން ކަމަށް އެ ނޫހުގައި ލިޔެފައިވެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތައް ކޮންޓްރޯލުކުރަން އިންޑިއާއިން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، އެފަދަ ގައުމަކުން މިނިވަންވެ، އަމިއްލަ ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކޮށްފި ނަމަ، އަދި ހާއްސަކޮށް ދުނިޔޭގެ ބޮޑެތި ބާރުތަކާ ގުޅުން ބަދަހި ކޮށްފިނަމަ އިންޑިއާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް ގްލޯބަލް ޓައިމްސްގެ ލިޔުމުގައިވެ އެވެ.

އެ ނޫހުން ވަނީ، އިންޑިއާއިން ރާއްޖޭގެ ސިޔާދަތަށް އިހުތިރާމްކޮށް، ރާއްޖޭގެ ސިޔާސީ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ދިވެހިންނަށް ދޫކޮށްލުމަށް ގޮވާލާފަ އެވެ. އަދި ރާއްޖޭގެ ތަފާތު ސިޔާސީ ފިކުރު ހުންނަ ފަރާތްތަކުން މައްސަލަ އިތުރަށް ގޯސްނުކޮށް، ގާނޫނީ އަދި ސަރުކާރުގެ ބާރުތަކުގެ ހަމަތަކުގެ މަތިން މައްސަލަ ހައްލު ކުރުމަށް ގޮވާލާފައިވެ އެވެ.