ބެއިޖިންގް (ފެބްރުއަރީ 7) ޗައިނާއިން މިސައިލް އައްޑަނައިގެ ވަރަށް އެޑްވާންސް ސިސްޓަމެއް ކާމިޔާބުކަމާ އެކު ތަޖްރިބާކޮށްފި އެވެ.

ޗައިނާގެ ދިފާއީ ވުޒާރާއިން ބުނީ ބަލިސްޓިކް މިސައިލާއި ކްރޫޒް މިސައިލާއި އެނޫން ވެސް ޖައްވުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް ހުރަސްއަޅައި އެތަކެތި ޖައްވުގައި ގޮއްވާލުމުގެ ގާބިލްކަން ލިބިފައިވާ އެންޓި މިސައިލް ސިސްޓަމެއް ތަޖްރިބާކޮށްފި ކަމަށާ އެ ތަޖްރިބާ ކާމިޔާބުކަމުގަ އެވެ. އެތަޖްރިބާ ކުރިޔަށް ގެންދިޔަ ސަރަހައްދެއް ޗައިނާގެ ދިފާއީ ވުޒާރާއިންވެސް އަދި އެގައުމުގެ ޒިންހުވާ ނޫސްއެޖެންސީން ހާމަކޮށްފައެއް ނުވެ އެވެ.

އެމެރިކާއިން ވަނީ މިސައިލަށް ހުރަސްއަޅާ ބާވަތުގެ ވަރަށް އެޑްވާންސް ސިސްޓަމެއް ޗައިނާއިން ތަރައްގީ ކުރަމުން ގެންދާކަމަށާ މިއީ އެމެރިކާގެ ނިއުކްލިޔާ މިސައިލަށް ހުރަސްއެޅުމަށް ޗައިނާ ބިނާކުރާ ނިޒާމެއް ކަމަށް ދާދިފަހުން ތުހުމަތުކޮށްފަ އެވެ. އެމެރިކާގެ މިތުހުމަތުތަކަށް ޗައިނާ ރައްދު ދީފައެއް ނުވެ އެވެ.

މިސައިލް އައްޑަނައިގެ ނިޒާމަކީ ވާދަވެރި ގައުމުތަކުން ދޭ ޙަމަލާތައް މަތަކުރުމުގެ ގާބިލްކަން ހޯދުމަށް ދުނިޔޭގެ ބޮޑުބާރުތަކުން މިހާރަކަށް އައިސް ވަރަށް ބޮޑު ޚަރަދުތަކެއް ކޮށްގެން ކުރިޔަށްގެންދާ ރީސާޗްތަކެކެވެ. މި ރީސާޗްގެ ދަށުން ރަޝިޔާ މިހާރު އުފައްދާފައިވާ އެސް 400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމަކީ މިހާރު ދުނިޔޭގައި ބޭނުންކުރާ އެންމެ އެޑްވާންސް ސިސްޓަމް ކަމަށް އަސްކަރީ ދިރާސާތައް ބުނެ އެވެ.

އަދުގެ ދުނިޔޭގައި އަސްކަރީ ގޮތުން ކުޅިފަސް ލިބޭނީ މި ރީސާޗްތަކުން ނެރޭނަތީޖާ މޮޅުވާ ގައުމުތައް ކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ.

ޗައިނާއިން ތަޖްރިބާކުރި މިސައިލް އައްޑަނައިގެ އެޑްވާންސް ސިސްޓަމަކީ ސެޓަލައިޓް ބޭނުންކޮށްގެން މިސައިލަށް ހުރަސްއެޅުމުގެ ނިޒާމެކެވެ. އެނިޒާމު ފުރިހަމަ ކުރުމަށް ބޭނުންކުރާ އިތުރު ފަސް ސެޓަލައިޓް މިއަހަރު ތެރޭގައި ޗައިނާއިން ޖައްވަށް ފޮނުވާނެ އެވެ. ޗައިނާގެ ދިފާއީ ވުޒާރާއިން މިއީ ޖައްވުގައި ހުންނަ ސެޓަލައިޓްތަކާއި ސްޕޭސް ސްޓޭޝަންތައް ވެސް ގޮއްވާލުމުގެ ގާބިލްކަން ލިބިފައިވާ ސިސްޓަމެއްކަމަށާ މިސިސްޓްމް ތަރައްގީ ކުރީ މިކަމާ ބެހޭ ވަރަށް ފުޅާދާއިރާއެއްގެ އެންޓި މިސައިލް ޕްރޮގްރާމެއްގެ ބައެއްގެ ގޮތުގައި ކަމުގައެވެ.

ޗައިނާ 2006 ގައިވަނީ ސެޓަލައިޓާ ދެކޮޅަށް ބޭނުންކުރާ ވަރަށް އެކިއުރޭޓް މިސައިލެއް ތަޖްރިބާކޮށްފަ އެވެ. މިތަޖްރިބާގައި ޗައިނާ ވަނީ ބިމުން މިސައިލެއް ފޮނުވާލައިގެން ޖައްވުގައިވާ އެގައުމުގެ ބައު ސެޓަލައިޓެއް ހައެއްގެ މިނިއްޓް ތެރޭގައި ގޮއްވާލާފަ އެވެ. މި ތަޖްރިބާއާމެދު އެދުވަސްވަރު އެމެރިކާ ވަނީ ކަންބޮޑުވާކަން ހަމަކޮށްފަ އެވެ.

މިއީ ޗައިނާގެ އަމިއްލަ ދިފާއަށްޓަކައި ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށާ އެއްވެސް ގައުމަކަށް އަމާޒުކުރާ ޕްރޮގްރާމެއް ނޫން ކަމަށް ވެސް ޗައިނާގެ ދިފާއީ ވުޒާރާއިން ބުނެ އެވެ. (ނޫސްއެޖެންސީތައް)