20 Aug 2011, 09:47
ޓްރިޕޮލީ (އޮގަސްޓް 20) : ލީބިޔާގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީ ޓްރިޕޮލީ ދޫކުރައްވައި ގޮތްނޭންގޭ ތަނަކަށް ވަޑައިގެންފި ކަމުގެ ޚަބަރު ދާދިދެންމެއަކު ލިބިއްޖެވެ.
ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ އިސްވެރިއެއް ކަމަށްވާ ޢަބްދުލްޢަޒީޒް ތޫނިސްގެ "ރޭޑިޔޯ މޮޒައިކް" އަށް ރޭ މެންދަމު ދެއްވި ކުއްލި ބަޔާނެއްގައި ވިދާޅުވީ ރޭގެ ވަގުތެއްގައި ގައްޒާފީ ޓްރިޕޮލީން ފުރާވަޑައިގެންފި ކަމަށާއި ނަމަވެސް ގައްޒާފީ ވަޑައިގެންނެވީ ލީބިޔާގެ އެތެރޭގެ ތަނަކަށްކަން ނޫނީ ލީބިޔާ އިން ބޭރަށްކަން އެނގިފައިނުވާ ކަމުގަ އެވެ.
ގައްޒާފީ ޓްރިޕޮލީން ފުރާވަޑައިގަތުމުގެ ކުރިން އޭނާގެ އަނބިކަނބަލުން ސަފިއްޔާ އާއި ދަރިކަނބަލުން ޢާއިޝާއާއި ފިރިހެން ބޭފުޅުންގެ އަނބިއަނބި ކަނބަލުންނާއި ގައްޒާފީގެ ކާފަދަރިން އެއްގަމު މަގުން ކުއްލި ގޮތަކަށް ތޫނިސްގެ ޖިރްބާއަށް ގެންގޮސްފައިވާ ކަމަށް ވެސް ޢަބްދުލްޢަޒީޒް ޣޫޤާއާ ހަވާލާދީ ތޫނިސްގެ "ރޭޑިޔޯ މޮޒައިކް" ޚަބަރު ދެ އެވެ.
ގައްޒާފީގެ ޢާއިލާ ކަރަކާސް އަށް ގެންދިޔުމަށް ޓަކައި ވެނެޒުއެލާގެ ސަރުކާރުން ފޮނުވާފައިވާ ޕްރައިވެޓް ޖެޓެއް ތޫނިސްގެ ޖިރްބާގެ އެއަޕޯޓަށް ރޭ ގެ ވަގުތެއްގައި ތިރިކޮށްފައިވާ ކަމަށް ތޫނިސްއިން ލިބޭ ޚަބަރުތައް ބުނެ އެވެ. ގައްޒާފީގެ އަނބިކަނބަލުން ސަފިއްޔާ އާއި ދަރިކަނބަލުން ޢާއިޝާއާއި ފިރިހެން ބޭފުޅުންގެ އަނބިއަނބި ކަނބަލުންނާއި އަދި ކާފަދަރިން ނަށް ޙިމާޔަތް ދިނުމަށްއެދި މިސްރު، ތޫނިސް، އަލްޖަޒާއިރު އަދި މަޣްރިބްގެ ވެރިންނަށް އިލްތިމާސް ކުރައްވައި ގައްޒާފީ ދާދިފަހުން ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް އަރަބި ލީގަށް ކަނޑައަޅާފައިވާ ލީބިޔާގެ ސަފީރު ޢަބްދުލްމުންޢިމް ހޫނީ ވިދާޅުވެފައިވެ އެވެ.
އަނެއްކޮޅުން ރޭގެ ވަގުތެއްގައި ލީބިޔާގެ ދެވަނައަށް އެންމެ އިސްވެރިޔާ އަދި ގައްޒާފީގެ ނައިބު ސްޓާފް މޭޖާ ޢަބްދުއްސަލާމް ޖަލޫދު، ގައްޒާފީގެ ނިޒާމުން ވަކިވެ ވަޑައިގެން ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އަމާން ދެއްވައިފި ކަމަށްވެސް ޚަބަރު ލިބެއެވެ. މޭޖާ ޖަލޫދު މިހާރު ހުންނެވީ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގައި ލީބިޔާގެ ސިޓީއެއް ކަމަށްވާ ޒިންތާން ގައި ކަމަށް ހަނގުރާމަވެރިންގެ ކޮމާންޑަރަކު ވިދާޅުވި އެވެ. (އަލްޖަޒީރާ)