ޓޯކިޔޯ (ފެބްރުއަރީ 7): ޖަޕާނުގެ ޝާހީ އާއިލާގެ މެމްބަރެއް ކަމަށްވާ ޕްރިންސެސް މާކޯގެ ކައިވެނި 2020 އަށް ފަސް ކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

ޕްރިންސެސް މާކޯއާ ހަވާލާދީ އޭއެފްޕީގައިވާ ގޮތުން އަންނަ ނޮވެމްބަރު މަހު ކުރައްވަން އޮތް ކައިވެނި ލަސް ކުރެއްވީ ކައިވެންޏަށް ތައްޔާރުވާން އިތުރު ވަގުތު ބޭނުން ވާތީ އެވެ.

ޖަޕާނުގެ އެމްޕެރާ އަކިހީޓޯއަށް ކާފަ ވިދާޅުވާ، އުމުރުން 25 އަހަރުގެ މާކޯ ކައިވެނި ބައްލަވައިގަންނަވަނީ އޭނާ ޓޯކިޔޯގެ އިންޓަނޭޝަނަލް ކްރިސްޓިއަން ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވަނިކޮށް ދިމާވި ކެއި ކޮމުރޯއާ އެވެ. އުމުރުން 25 އަހަރުގެ ކޮމުރޯ އަކީ ލޯ ފާމެއްގެ މުވައްޒަފެކެވެ.

ޕްރިންސެސް މާކޯ ކައިވެނި ކުރައްވަނީ ޝާހީ އާއިލާއަށް ނިސްބަތް ނުވާ މީހަކަށް ވާތީ، އެކައިވެންޏާ އެކު ޝާހީ ބާރުތައް ދޫކޮށްލައްވަން މާކޯއަށް ޖެހިވަޑައިގަންނަވާނެ އެވެ.

ޖަޕާނުގެ ގާނޫނުގައިވާ ގޮތުން ޝާހީ އާއިލާއަށް ނިސްބަތްވާ އަންހެނަކު އާދައިގެ މީހަކާ ކައިވެނި ކުރުމުން އޭނާގެ ޝާހީ ހައިސިއްޔަތު ދޫކޮށްލަން ޖެހޭނެ އެވެ. ނަމަވެސް ޝާހީ އާއިލާގެ ފިރިހެނުން އެފަދައިން އަމަލު ކުރަން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައި ނުވުމުން، އެގާނޫނަށް ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. (ބީބީސީ)