07 Feb 2018, 10:55
މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޕެޓްރީސް އެވްރާ އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް އަންނަން އުޅޭކަމުގެ އިޝާރާތެއް ދީފި އެވެ.
އެވްރާ އެންމެފަހުން ކުޅެފައި ވަނީ ފްރާންސްގެ ކްލަބެއް ކަމަށްވާ މާސޭއަށެވެ. މިދިޔަ ނޮވެންބަރު މަހުގައި މާސޭއިން އެވްރާ ދޫކޮށްލީ ޔޫރޮޕާ ލީގު މެޗެއްގައި އެ ކްލަބު ސަޕޯޓަރެއްގެ މޫނު މަތީގައި ފައިން ޖެހުމުންނެވެ.
އެ ހާދިސާއަށް ފަހު އުމުރުން 36 އަހަރުގެ އެވްރާވަނީ މާސޭގެ ކިބައިން މާފަށް އެދިފަ އެވެ. އަދި އޭނާ ބުނީ ފުޓުބޯޅައަކީ ވަރަށް ލޯބިވާ ކުޅިވަރެއް ކަމަށާއި ހުއްޓާލަން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ޔޫއެފާ އިން ވަނީ އެ އިދާރާއިން ކުރިއަށްގެންދާ ޔޫރަޕް ގިންތީގެ ހުރިހާ މުބާރާތަކުން ސީޒަން ނިޔަލަށް އެވްރާ ސަސްޕެންޑްކޮށްފަ އެވެ.
އެވްރާގެ ސަސްޕެންޝަންއާ އެކު އޭނާއަށް ޑޮމެސްޓިކްލީގުތައް ކުޅުމުގެ ފުރުސަތު އޮތްއިރު ޕްރިމިއާލީގު ކްލަބެއް ކަމަށްވާ ވެސްޓް ހާމް ޔުނައިޓެޑުން ވަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ޓްރާންސްފާ ސީޒަން ނޫން ނަމަވެސް ވެސްޓްހަމްއަށް އެވްރާގެ ސޮއި ހޯދިދާނެ އެވެ. އެވްރާ މިވަގުތު ހުރީ އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓްގައެއް ނޫނެވެ. އޭނާއަކީ ފްރީ އޭޖެންޓެކެވެ.
އެވްރާވަނީ މެންޗެސްޓާ ޔުނައިޓެޑްގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. ދެހާސް ނުވަ ވަނަ އަހަރުން 2014 ވަނަ އަހަރާ ހަމައަށް އެ ކްލަބުގައި ހޭދަކުރި އެވްރާ ވަނީ ފަސް ފަހަރު ލީގު އުފުލާލާ 2008 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުވެސް އެ ކްލަބާއެކު ހޯދާފަ އެވެ. އަދި މިހާރު ވެސްޓްހަމްގެ މެނޭޖަރު ޑޭވިޑް މޮޔެސްގެ ކޯޗު ކަމުގެ ދަށުގައި ވެސް އެވްރާވަނީ ޔުނައިޓެޑަށް ކުޅެފަ އެވެ.
ދެހާސް ސާދަ ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލި އެވްރާވަނީ އިޓާލީގެ ޔުވެންޓަސްގައި ވެސް ތިން އަހަރު ހޭދަކޮށްފަ އެވެ.