އަދިވެސް މިހިނގާ ދިޔަ ކަންކަން ނިމުނު ކަމެއް ނޭނގޭ ކަމަށާއި އަދިވެސް އަޑުއިވެނީ ބޭރުގެ ފަރާތްތަކަށް ރާއްޖެ އަރަން ގޮވާލާ އަޑުކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރޭ 'ރުމާލު 2' ޖަގަހާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖެ އަރަން ގޮވާލާ އަޑު އިވުނީމަ އުނދަގޫ ވާ ކަމަށެވެ.

"އަދިވެސް އަޑު މި އިވެނީ ބޭރުގެ ފަރާތްތަކަށް ދޭ ދައުވަތު ދިވެހިރާއްޖެ އަށް ދަތިކުރަން ގޮވާ ވާހަކަ. މީގެ އުނދަގޫ އަޅުގަނޑަށް އިހުސާސް އެބަކުރެވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ކަންކަން ހިނގާ ދިޔައީ ކިހިނެއްކަން ގަބޫލުކުރަން ބޭނުން ނުވާ ކަރަކަރަ ނުވަތަ ބައެއް މުއްސަސަތައް ބޭރުގައި އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

ސިޔާސީ ހަޔާތުގައި ދައުލަތުގެ އިސްވެރިއަކަށް ހުރެގެން ކުރާ ހިދުމަތަކީ ވޭނާއި ކެކުޅުން އޭގައި އެކުލެވޭ ހިދުމަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއީ ޝަރަފާއި އިއްޒަތާއި ލައްޒަތް ހިމެނިގެންވާ ކަމެއް ނޫން. ދިވެހި ތަހުތުގައި އިނދެލުމަކީ ޕްރެސިޑެންސީ އަކީ މިއަދު ޝަރަފެއް، ކަރާމާތެއް އެކުލެވިގެންވާ ކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސުން ރާއްޖޭގައި އަމަލު ކުރައްވާ ގޮތާ ބެހޭ ގޮތުން ރައީސް ޔާމީން ވަނީ ފާޑު ވިދާޅުވެފަ އެވެ. އެމެރިކާގައި ކުރީގެ ރައީސް "ހަޑިކޮށް އައްޗިކޮށް ނޫޅޭ" ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް ރާއްޖޭގައި ކުރީގެ ރައީސުން އަބަދު ވެސް ވެރިކަމާ ހެދި އުޅޭ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

ދައުލަތުން މީހުންނަށް ހައްގު ނޫން އަދަބުދޭން ފަހަތަކުން ނުދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވެފައިވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާ ސިފައިންގެ އެހިތެރިކަން ރާއްޖޭގެ ސިޔާސީ މަޝްރަހު ހައްލުކުރަން ބޭނުންވާ ކަމަށް ބުނެ ޓުވީޓެއް ކޮށްފަ އެވެ.