ޓައިވާނުގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދަށް އައި ބިންހެލުމާ އެކު އަރިއަޅާލި ހޮޓެލުގައި މީހުން ތާށިވެއްޖެ އެވެ.

ޓައިވާނުގެ އައްސޭރިފަށުން 20 ކިލޯ މީޓަރު ދުރުން އައި އެ ބިންހެލުމައި އަރިއަޅާލީ ޓައިވާނުގެ ހުއެލިންގައި ހުރި މާޝެލް ހޮޓަލެވެ. މިއީ ހަތަރު ތަރީގެ ހޮޓަލެކެވެ.

ރެކްޓާ މިންގަނޑުން 6.4ގެ ބާރުމިނުގައި އައި އެ ބިންހެލުން އައީ މިރޭ ޖީއެމްޓީ ގަޑިން 15:50 ގަ އެވެ.

ޓައިވާނުގެ ނޫސްވެރިއެއް ކަމަށްވާ ޖޯއިސް ހުއޭންގް އަލްޖަޒީރާއަށް މައުލޫމާތު ދެމުން ވިދާޅުވީ ވެއްޓުނު އިމާރާތުގައި 30 މީހުން ތާށިވެފައި ތިބި ކަމަށެވެ. ނަމަވެސް އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަކަށް މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.

"މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރާ މީހުން މިހާރު އެ ސަރަހައްދަށް ގޮސް އެމީހުން އިމާރާތުން ނެރުމުގެ މަސައްކަތް ކުރަމުން އެބަދޭ،" ޖޯއިސް ވިދާޅުވި އެވެ.

ޓައިވާނު އޮންނަ ޕެސިފިކް ކަނޑުގެ ސަރަހައްދަކީ ވަރަށް ގިނައިން ބިންހެލުން އަންނަ ސަރަހައްދެކެވެ.

ޓައިވާނަށް މިއަދު އެކަނި ވެސް ވަނީ 19 ކުދި ބިންހެލުންތައް އައިސްފަ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ނުވަވަނަ އަހަރު ރެކްޓާ މިންގަނޑުން 7.6 ޓައިވާނަށް އައި ބިންހެލުމުގައި 2400 މަރުވެ، 10000 މީހުންގެ ގެދޮރު ނެތިގެން ދިޔަ އެވެ.