ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އެތެރެއިން އަދި ބޭރުން ވެސް މަސައްކަތްކުރާ މީހުން ދުރުކުރާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިރޭ ރުމާލް 2 ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނެރުނު އަމުރާއެކު ބައެއް މީހުން އުންމީދުކޮށްގެން ތިބީ މި ސަރުކާރު ނިމުމަކަށް އައީ ކަމަށެވެ. ނަމަވެސް މިއަދު އިދިކޮޅުގައި ތިބި މީހުންގެ އެ ހިތްވަރު ނެތް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އެތެރެއިން އަދި ބޭރުން މަސައްކަތްކުރާ މީހުން ވެސް އަޅުގަނޑުމެން ދުރުކުރާނަމޭ. އޭގެ ނަތީޖަ ފެނިގެން އެ ދިޔައީ،" ވޭތުވެދިޔަ ތިން ދުވަހު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާދިޔަ ކަންތައްތަކަށް އަލިއަޅުވާލައްވައި ރިޔާޒް ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަމަށް އައީ ފަސޭހަ ގޮތަކަށް ނޫންކަން ފާހަގަކޮށް ރިޔާޒު ވިދާޅުވީ ފަސް އަހަރު ވާން ގާތް ވެފައިވާއިރު ވޭތުވެދިޔަ ދުވަސްތަކުގައި ކުރިމަތިވީ ފަސޭހަ ކަންކަމެއް ނޫން ކަމަށެވެ. އަދި އެހުރިހާ ކަމަކާ ކުރިމަތިލައި ހިކުމަތްތެރިކަމާއެކު ކާމިޔާބު ހޯދާފައިވާކަން ރިޔާޒް ފާހަގަކުރެއްވިއެވެ.

"ރައީސް ޔާމީން މި ފާއިތުވިދިޔަ ދުވަސްތަކުގައި ކޮށްދިން ކަންތައްތަކުގެ ވާހަކަދައްކައި ނުނިމޭނެ. ސިޔާސީ ގޮތުން އަޅުގަނޑުމެންގެ ހުރިހާ ތަޖުރިބާއެއްގެ ވާހަކަވެސް މިރޭ އިރުއަރަންދެން އަޅުގަނޑު ދެއްކި ނަމަވެސް އެ ވާހަކަ ދައްކައެއް ނުނިމޭނެ،" ރިޔާޒް ވިދާޅުވިއެވެ.

ރާއްޖެއަށް އިންޑިއާގެ އަސްކަރިއްޔާގެ ބަޔަކު ފޮނުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާތީ އެކަމަށް ރައްދު ދެއްވައި ރިޔާޒް ވިދާޅުވީ ބޭރުގެ ބަޔަކު ރާއްޖެ އަރައިފި ނަމަ ދެން އެމީހުން ރާއްޖެ ދޫކޮށް ނުދާނެ ކަމަށެވެ. އަދި އެމީހުން ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އަރައިގަންނާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.