ޑިމޮކްރަސީ ނެގެހެއްޓުމަަށް ކަމަށްބުނެ އިންޑިއާއިން މިލިޓަރީގޮތުން ރާއްޖެއަށް އަރައިގަތުމަށް ރައީސް ނަޝީދު ގޮވާލައްވައިފައި ވިޔަސް އިންޑިއާ ސިފައިން ރާއްޖެ ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރުމާލު-2 ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، މި ފަހަރު ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރަން އުޅުނު ފަރާތްތަކުން ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިކޮށްލައި އިންޑިއާ ސިފައިން މިގައުމަށް ގެންނަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

"އިންޑިއާ ސިފައިން މިރާއްޖެއަކަަށް ނާންނާނެ. އިންޑިއާ ސިފައިންނަކީ އަޅުގަނޑުމެންނަށް އަނިޔާވެރިވާނެ ބައެއް ނޫން. އަޅުގަނޑު ގަބޫލެއް ނުކުރަން އެކަންވާނެ ކަަމަކަށް،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު، އެމަނިކުފާނާއެކު އިންޑިއާއަށް ވަޑައިގަތުމުން އޭރު އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގާ ބައްދަލުވެސް ނުވި ކަމަށާއި އަދި އޭރު އިންޑިއާއިން ސިފައިން ނުފޮނުވިކަމަށާއި އަދި މިހާރުވެސް އިންޑިއާއިން އެގައުމުގެ ސިފައިން ނުފޮނުވާނެ ކަަމަށެވެ.

އިންޑިއާއިން ރާއްޖެއަށް އަރައިގަތުމަށް، ކުރީގެ ރައީސް ނަޝީދާއި ރައީސް މައުމޫނާއި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވައިލެއްވިޔަސް އެބޭފުޅުންނަށް ރާއްޖޭގައި މިހާރު ތާއީދެއް ނެތް ކަމަށް މޫސަ ވިދާޅުވިއެވެ.

ދާދި ފަހުން ކުރީގެ ރައީސް މަައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރި މައްސަލައަށް އިޝާރަތްކުރައްވައި މޫސަ ވިދާޅުވީ، ނަދީމް މަސައްކަތްކުރެއްވީ ރިޝްވަތު ދިނުމަށް އެންދެރިމާގެއިން ފައިސާ ފޮށި އުފުލުމަށް ކަމަށެވެ.

އަދި އެ ފޮށީގައި ހުރީ ފަނޑިޔާރުންނަށް ދޭން ހުރި ފައިސާ ކަމަށް ވެސް މޫސަ ވަނީ ތުހުމަތުކުރަށްވައިފައެވެ.

މޫސަ ވަނީ ގާސިމް، ފާރިސްއަށް ވެރިކަން ހޯދައިދެއްވުމަށް ފައިސާ ހަރަދުކުރަން މަސައްކަތްކުރައްވާ ކަމަަށްވެސް ތުހުމަތުކުރައްވައިފައެވެ.

ފަނޑިޔާރުންގެ ނިންމުމަކީ މުޅި ގައުމު ފުނޑުފުނޑުކޮށްލުން ފަދަ ކަމެއް ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްޤައްޔޫމް ވަނީ ގައުމު ސަލާމަތްކޮށްދެއްވައިފައި ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ފަނޑިޔާރުން ﷲ އަށް ބިރުވެތިވެ ތިބުމަށް ވެސް މޫސަ ގޮވައިލެއްވިއެވެ.