19 Aug 2011, 23:35
ކ.ހުދުރަންފުށި (ކުރީގެ ޅޮހިފުށި) ރިސޯޓުން މިދިޔަ އަންގާރަ ދުވަހުގެރޭ ކެއުމަށް ނުކުތް ގޮތަށް ގެއްލުނު ޖަޕާނުގެ ދެމަފިރިން ފެނޭތޯ މަތިންދާބޯޓު ބޭނުންކޮށްގެން ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ދެމަފިރިންގެ ހަބަރެއް އަދިވެސް ނުވާ ކަމަށާއި ޑައިވް ކޮށްގެންނާއި ވައިގެ މަގުން ވެސް އެމީހުން ފެނޭތޯ ބަލަމުން އަންނަ ކަމަށެވެ.
ހުދުރަންފުށިން ގެއްލިގެން ހޯދާ ފިރިހެން މީހާގެ އުމުރަކީ 37 އަހަރެވެ. އަދި އަންހެން މީހާ އަކީ 29 އަހަރުގެ މީހެކެވެ.
ރޭގަނޑުގެ ކެއުމަށް ނުކުތް ދެ މީހުންގެ ހަބަރެއް ނުވެގެން ހޯދުމަށް މުޅި ރިސޯޓު ތެރެ ވަނީ ބަލާފަ އެވެ. އަދި އެ ރިސޯޓުގެ ބޭރުން 100 ނޯޓިކަލް މޭލުގެ ސަރަހައްދެއް ކޯސްޓްގާޑުން ވަނީ ބަލާފަ އެވެ.
ހުދުރަންފުށިން ޖަޕާނުގެ ދެމަފިރިއަކު ގެއްލިފައި މިވަނީ މިމަހުގެ ހަ ވަނަ ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އިނގިރޭސި ދެމަފިރިއަކު މަރުވި މައްސަލަ އެއް ފެންމަތިވެފައި ވަނިކޮށެވެ.