އިދިކޮޅު ފަރާތްތަކުން މޮޑުނު "ބޯކިބާ"ގެ ރޭވުންތައް ރޭވީ ސްރީ ލަންކާގައި ތިއްބަވައިގެން ކަމަށާއި، އެކަމަށްޓަކާ އެތައް ފަހަރަކު އެބޭފުޅުން ސިލޯނަށް ވަޑައިގަތުމުން ބޮލަށް ވެސް އުދަނގޫވި ކަމަށް ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕީޕީއެމުން ރުމާލު 2 ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރުކަން ވެސް ކުރައްވާ މުންދު ވިދާޅުވީ، އިދިކޮޅު ބޭފުޅުން ސިލޯނަށް ވަޑައިގެންނެވި އަދަދާއި ދުވަސްތަކާއި އަދި އެއީ ކޮންކޮން ބޭފުޅުންނެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން އޭގެ ތެރެއިން ބައެއް ބޭބޭފުޅުން ވަރަށް ގިނައިން ވަޑައިގަންނަވަން ފެށުމުން ބޮލަށް އުދަނގޫ ވެގެން ރައީސްއަށް ވެސް ދެ ފަހަރަކު ދެންނެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޯކިބާގެ ރޭވުންތަކާ އެއްޗެހި ރާވާފައި މިއޮތީ ސްރީ ލަންކާގައި. މި ހުރިހާ ސަކަރާތެއް ޖެހީ އެތަނުގައި... އެހެން ވަޑައިގެންނެވި އަދަދާއި ދުވަސްތަކާއި ބޭބޭފުޅުން އިނގޭތީ ބޮލުގަ ރިހޭތީ ބޮލުގެ ނާރަކަށް ފިތޭތީ ރައީސް އަށްވެސް ދަންނަވާލިން،" މީގެ ފަސް ވަރަކަށް މަސް ކުރިން ސަފީރުކަން ދެއްވި މުންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުން މިދިޔަ ހުކުރު ވިލޭރޭ ނެރުއްވި އަމުރާ ގުޅިގެން ރައީސް މިއަދު ނިންމެވި ނިންމެވުމުގެ ސަބަބުން އެ ސަލާމަތްކޮށްދެއްވީ ދިވެހި ރައްޔިތުންނާއި އެމީހުންގެ ދަރިންގެ މުސްތަގުބަލް ކަމަށެވެ.

އެހެންކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވި އޮޑިއެއްގައި ނުހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އޭނާ ވިދާޅުވީ، ސިޔާސީ ކަންކަމުގައި އުޅުނަސް އަދި ނޫޅުނަސް، މިއަދުން ފެށިގެން ހުންނާނީ ރައީސް ޔާމީން ހުންނެވި އޮޑިއެއްގައި ކަމަށެވެ.

އަދި މިއަދުން ފެށިގެން އޭނާ އަކީ ރައީސްގެ ސަޕޯޓަރެއް ނޫން ކަމަށާއި، އޭނާއަކީ ރައީސްގެ ފޭންއެއް ކަމަށް ވިދާޅުވިއެވެ.