07 Feb 2018, 00:23
ރައީސް ޔާމިންގެ ވެރިކަން ވައްޓާލަން ކުރި ކޮންމެ ބަޣާވާތަކުންވެސް އިތުރުވެގެން ދިޔައީ ރައީސް ޔާމީންގެ އިތުބާރު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރުމާލު-2 ޖަގަހައިގައި މިރޭ ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ، ރައީސް ޔާމީންގެ މި ހަތަރު އަހަރުގެ ވެރިކަމުގައި، އިދިކޮޅު ފަރާތްތަކުން އަމިއްލަ ފައިދާއަށް ޓަކައި ބޭނުންކުރި ކޮންމެ "ހަތިޔާރަކުން" ވެސް ރައީސް ޔާމީން ރެކިވަޑައިގަތުމުން އެމަނިކުފާނުގެ އިތުބާރު އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
އަދި މި ހަތަރު އަހަރުތެރޭ ރައީސް ޔާމިންގެ ހިކުމަތްތެރި ދުރުވިސްނުންފުޅުގެ ސަބަބުން ހުރިހާ ބަޣާވާތެއް ނައްތާލައިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
" މިލިޓަރީ ގޮތުން ހަތިޔާރު ނެގި. ރައްޔިތުންގެ މަޖްލިސްގެ ތެރެއިން ވެރިކަން ބަދަލުކުރަން މަސައްކަތްކުރެއްވި. އެންމެ ފަހުން އަދުލު އިންސާފުގެ ނިޒާމް ފުނޑާލައި، ރައްޔިތުންނަށް މަގު އޮޅުވާލައި ކުރި މަސައްކަތް ވެސް ފުނޑުފުނޑުވެގެން އެ ދިޔައީ. އަޅުގަނޑު މި އިޝާރާތްކުރި ކޮންމެ ބަޣާވާތަކީ އެމަނިކުފާނަށް ދިވެހި ރައްޔިތުންގެ ލޯތްބާާއި އިތުބާރު އިންތިހާއަށް އިތުރުވެގެން ދިޔަ ކަމެއް،" ނާޒިމް ވިދާޅުވިއެވެ.
ދޮންބަންޑާރައިންނާ ބޮޑުތަކުރުފާނުގެ ލިސްޓުގައި ރައީސް ޔާމީން ނުހިމެނޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިޝާރަތްކުރައްވައި ނާޒިމް ވިދާޅުވީ، ގައުމެއްގައި ވެރިކަންކުރެއްވި ދެ ރައީސުން އެގައުމުގެ އެންމެ ބޮޑު ޚާއިނުންގެ ގޮތުގައި ހިމެނުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.
އަދި ހާއްސަކޮށް ދިގު މުއްދަތަކަށް ގައުމެއްގައި ވެރިކަންކުރެއްވި ބޭފުޅެއްގެ ފަރާތުން އެކަން ފެންނަނީ ކޮން ގައުމަކުންތޯ ވެސް ނާޒިމް ވަނީ ސުވާލުއުފައްދަވައިފައެވެ.
ނާޒިމް ވިދާޅުވީ ރައީސް ނަޝީދު އަދި މައުމޫންގެ ނަން ރާއްޖޭގެ ތާރިހުގައި ލިޔެވެން ޖެހޭނީ ކަޅުއަކުރުން ކަމަށެވެ.
ޑިމޮކްރަސީ ނެގެހެއްޓުމަަށްޓަކައި ކަމަށްބުނެ އިންޑިއާއިން މިލިޓަރީގޮތުން ރާއްޖެއަށް އަރައިގަތުމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީވެ، އެކަމަށް އިޝާރާތްކުރައްވައި ނާޒިމް ވިދާޅުވީ ދިވެހި ރައްޔިތުން ޖެހިލުމެއް ނެތި އަދުއްވުންނާ ކުރިމަތިލާނެ ކަމަށެވެ.
"މިގައުމުގެ އިސްކޮށްގެން ވެރިކަންކުރި ކޮންމެ ވެރިއަކަށް ވެސް އެނގޭނީ މިގައުމުގެ ރައްޔިތުން އެންމެ ޖެހިލުންނުވާނެ ކަމަކީ އަދުއްވުންނާ ކުރިމަތިލުން. ނުވަ ވަނަ ހަސަން ރަސްގެފާނު މިގައުމަށް ހިޔާނާތްތެރިވީމާ އަދި ހޮޅިން މިގައުމަށް އެރުމުން ކަންތައް ވީގޮތާ، ނޮވެމްބަރު 3ގައި ކަންތައް ވީގޮތާ އަދި ރައީސުލްޖުމްހޫރިއްޔާ ހަތަރު ބަޣާވާތާ ކުރިމަތިލެއްވީ އެވިސްނުންތެރިކަމާއެކު" ނާޒިމް ވިދާޅުވިއެވެ.