06 Feb 2018, 23:14
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާނުކޮށްފައި ވާތީ، އެހާލަތު އުވާލުމަށް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އަދި އދ. އިން ގޮވައިލައިފައެވެ.
އދ.ގެ ސެކެޓްރީި ޖެނެރަލްގެ ސްޕޯކްސްޕާސަން ސްޓެފަނީ ޑުޖެރިކް މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރާއްޖޭގެ ސިފަައިން ސުޕްރީމްކޯޓަށް ވަދެގެންފައިވާތީވެ، އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
ސްޓެފަނީ މިއަދު ނެރުނު ބަޔާނުގައި ވަނީ ރާއްޖެގައި މިހާރު އޮތް ކުއްލި ހާލަތު އުވާލުމަށް ގޮވައިލައިފައެވެ.
"ގާނޫނާ ގަވައިދަށް ރާއްޖޭގެ ސަރުކާރުން ހުރުމަތްތެރިކޮށް ހިތައި، ރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކަން ކަށަވަރުކޮށްދީ، ވީހާވެސް އަވަހަށް ކުއްލި ހާލަތު އުވާލުމަށް ގޮވައިލަން،" ސެކެޓްރީ ޖެނެރަލްގެ ބަޔާނުގައި ބުންޏެވެ.
އީޔޫއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަކީ ޑިމޮކްރަސީގެ ހައްގުތަަކަށް އަރައިގަތުން ކަމަށާއި އަދި އޭގެ ސަބަބުން ގައުމުގައި އިތުރަށް ހަމަނުޖެހުން އިތުރުވެގެން ދާނެ ކަމަށެވެ.
އީޔޫއިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން ވަގުތަށް އުވާލުމަށް ވެސް ގޮވައިލައިފައެވެ.
" ސުޕްރީމް ކޯޓުގެ ނިންމުމާއި އަދި ފަނޑިޔާރުން ހައްޔަރުކުމަކީ ޖުޑީޝިއަރީގެ މިނިވަންކަމަށް އަރައިގަތުން،" އީޔޫ އިން ނެރުނު ބަޔާނުގައި ބުންޏެވެ.
ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށް، ފުލުހުންނާއި ސިފައިން އާންމުންނަށް ވީހާވެސް ގެއްލުން ކުޑަކުޑަވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް އީޔޫ އިން ވަނީ ގޮވައިލައިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ބައެއް ކަންކަން މިހާރު ވަނީ ބާތިލްކޮށްފައެވެ. އެގޮތުން، އެ އަމުރުގައިވާ، ސިޔާސީ ކުށްވެރީން މިނިވަންކުރުމާއި، ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީއަށް ނުބެލޭނޭކަމަށް އޮތް އޮތުން ވަނީ ބާތިލްކޮށްފައެވެ.