ވިލާ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރުކޮށްފިއެވެ.

ވިލާގެ ޝިޕިންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާ ސިޔާދު ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރުއެވެ.

ސިޔާދު ހައްޔަރުކުރިކަން ފުލުހުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.

ސިޔާދު ހައްޔަރުކުރި އިރު، ގާސިމްގެ ޕެރެޑައިސް އައިލެންޑް ރިސޯޓަށް ފުލުހުން މިއަދު ވަނީ އަރައި، އެތަން ބަލައި ފާސްކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ރިޝްވަތު ދޭން ހުށަހެޅި ކަމުގެ ދައުވާ ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް ގާސިމް މިވަގުތު ހުންނެވީ ޖަރުމަނު ވިލާތުގައެވެ.

ދާދި ފަހުން ސަރުކާރުން ވަނީ ގާސިމްގެ ރިސޯޓްތަކަސް ރާ އެތެރެކުރުމުގެ ހުއްދަ ބާތިލް ކޮށްފައެވެ. ނަމަވެސް ފަހުން ވަނީ ރިސޯޓްތަކުން ދޫކޮށްފައެވެ.