06 Feb 2018, 17:48
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިލިމާލޭގައި ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރުކޮށް އާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފިއެވެ.
ދިވެހި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން މިހާރު ކުރިޔަށްގެންދާ ޕްރޮގްރާމްގެ ދަށުން ގާއިމުކުރެވުނު އެ ސެންޓަރ ހުޅުވާފައިވަނީ މިއަދު މެންދުރުފަހު ވިލިމާލޭގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިއަދު ހުޅުވި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެއެވެ. އަދި އޭގެ އިތުރުން ވިލިމާލޭގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗަށްވެސް ވަނީ ޒަމާނީ ބަދަލުތަކެއް ގެނެސްފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، މިއަދު ހުޅުވުނު އާ ސެލްފް ސާވިސް ބޭންކިން ސެންޓަރާއެކު ވިލިމާލޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިއަދުގެ އެ ރަސްމިއްޔާތުގައި ވިލިމާލޭގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ އިތުރުން އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.