ބޭރުގެ ސިފައިން ރާއްޖެ ގެެނެސްގެން ކޯޓު އަމުރު ތަންފީޒުކުރަން އުޅުނު ކަމުގެ އޯޑިއޯ ކްލިޕްއެއް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ހިއްސާ ކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ގައުމާ މުހާތަބު ކުރައްވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ އިދިކޮޅު ބައެއް މެމްބަރުން ބޭރުގެ ސިފައިން ގެނެސްގެން ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރު ތަންފީޒުކުރަން މަސައްކަތް ކުރި ކަމުގެ މައުލޫމާތު ހިމެނޭ އޯޑިއޯ ކްލިޕްއެއް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ހިއްސާ ކުރެއްވި ކަމަށެވެ. އަދި އެ ކްލިޕް އަޑުއައްސަވާފައި ސައީދު ވިދާޅުވީ އެކަން އެގޮތައް ނުކުރެވޭނެ ކަމަށެވެ.

"އެ މެސެޖް ބެއްލެވުމަށްފަހު ވިދާޅުވީ 'ޑިއަރެސްޓް ޕްރެޒިޑެންޓް ދިސް ކެނޮޓް ބީ ޑަން' އޭ. މިއީ އާންމުކޮށް އަޅުގަނޑާ ސުޕްރީމް ކޯޓުގެ ފަނޑިޔާރާއި ދެމެދު އޮންނަ ގުޅުން. ވަރަށް ގާތް ގުޅުމެއް،" ގައުމާ މުހާތަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެ ޖަވާބުގެ ސަބަބުންނާއި، ދެމެދުގައި އުފެދިފައިވާ ގުޅުމުގެ ސަބަބުން އުފެދިފައިވާ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އުއްތަމަ ފަނޑިޔާރު މަސައްކަތް ކުރައްވާ ކަމަށް ގަބޫލު ކުރެވުނު ކަމަށެވެ.

ނަމަވެސް ފަހުން އަނެއްކާވެސް ކަން ދިޔައީ ގޯހުން ގޯހަށްކަން ފާހަގަ ކުރައްވަމުން، ރައީސް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް ހުށަހެޅުއްވި ވަކިވަކި ކަންތައްތަކަށް ސުޕްރީމް ކޯޓުގެ ތެރެއިން ފަރުވާއެއް ނުލިބުނު ކަމަށެވެ. އޭގެ ބަދަލުގައި އެ ކޯޓުން ނެރުނު އަމުރު ރަނގަޅު ކަމަށް ނިންމުމުން ކަންކަން ކުރުމަށް ދަތިވެގެން ދިޔަ ކަމަށެވެ.

"އެހާ ހިސާބުން ޕީޖީ މި ވިދާޅުވަނީ މިކަން ކުރެވޭނެ ގޮތެއް ނެތޭ. ޖޭއެސްސީ ބޭއްވެނެ ގޮތެއް ނެތް. ސުޕްރީމް ކޯޓާއި ވާހަކަދެއްކޭނެ ގޮތެއް ނެތް. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތް. ދައުލަތުން ކަމެއް ކުރަން އުޅޭ ކޮންމެ މީހަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޮތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބާއި ޕްރޮސެކިއުޓަރ ޖެނެރަލް، އަމުރު ތަންފީޒުކުރަން މަސައްކަތް ކުރުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުމެއް ނޫންކަމަށެވެ. އަދި ވިދާޅުވީ ކޯޓު އަމުރުގައި އެކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ނުބެލޭނެ ކަމަށް ބުނުމުން އެކަމާއި ކަންބޮޑުވެވަޑައިގެންނެވި ކަމަށެވެ.

ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑީޔާރުންނަށްނުފޫޒު ވަންނަނީ އެއް ފަރާތުން ނޫންކަންކަށަވަރުވެއްޖެކަމަށާއި ދައުލަތުގެ މީހުންގެ މުސާރައާ ނުބައްދަލު ކަންކަން ހިނގާނަމަ އެކަން ބަލަންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުން މަތީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށްވެސް ނުތިބެވޭނެ ކަމަށެވެ.

"ޖުޑިޝަރީގެ ތެރެއިން ސަރުކާރުން ބަލަން މަސައްކަތް ކުރި އެއްވެސް މައްސަލައެއް ބެލުމުގެ ޖާގައެއް ނުދިން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސަލަ ބަލަމުންދަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ކަމަށެވެ. ދެންތިބި ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މިއަދު ގައުމާއި މުހާތަބު ކުރެއްވި އިރު ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އެކަމަށް އިޝާރަތްކޮށް ރައީސް ވިދާޅުވީ އެބޭފުޅުންވެސް ކޮރަޕްޝަނުގެ އަމަލުތައް ހިންގާނަމަ ގާނޫނު އަރާ ހަމަ ކުރާނެ ކަމަށެވެ.