ހިނގަމުންދާ ކަންތަކުގެ ބޮޑު މަންޒަރު މިހާރުވެސް ފެންނަން ފަށައިފި ކަމަށާއި، އެކަންކަމުގެ މައުލޫމާތު ފުލުހުން ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގައުމާ މުޚާތަބުކުރައްވައި މިއަދު ވިދާޅުވީއި ގުޅޭ ވަރަށް ގިނަ ކަންތައް މިހާރުވެސް ހޯދައިފި ކަމަށާއި، އެ މައުލޫމާތު ފުލުހުން ބާއްވާ ހާއްސަ ނޫސް ކޮންފަރެންސެއްގައި ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށެވެ.

"ރައްޔިތުން ހިތްހަމަޖެހޭ މައުލޫމާތު ފުލުހުން ހޯދައިފި. އެ މައުލޫމާތު ފުލުހުން ބާއްވާ ހާއްސަ ނޫސް ކޮންފަރެންސެއްގައި ދޭނެ. މިއުޅެނީ ވަރަށް ވަރުގަދަ ކަމެއް އެއިން ދައުލަތް އަރާގަންނާނެ ގޮތް ހޯދަން ޖެހޭ. މަސްލަހަތު ހޯދަން މަގު ހޯދަން އެކަން ކުރެވޭނީ ބާރުތައް ސަސްޕެންޑް ކޮށްގެން. އެއީ ތަހުގީގު ކުރަން ޖެހޭ ކަންކަން ހުރުމުން. އެ ތަހުގީގު ނިމުނީމަ އެނގޭނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތަކީބިރުވެރި ހާލަތެއް ނޫން ކަމަށާއިމި ހާލަތުގައި އާންމުކޮށް ކޮންމެ ރައްޔިތަކު ވެސް ކޮށް އުޅޭ ކަންކަން ކުރެވޭނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުން ފަރުވާ ހޯދަންވީ ނުހިނގާ ހުރި މައްސަލަތައް ހައްލު ކުރުމަށް އެކަނި ކަމަށް ރައީސް ވިދާޅުވިއެވެ.

"ގާނޫނީ ނިޒާމުގެ ތެރެއިން ދައުލަތް ހިންގަން ހުރަސް އެޅީތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނީ. ކުއްލި ނުރައްކަލުގެ ހާލަތޭ ބުނީމާ އެންމެ ފުރަތަމަަވެސް ހިތަށް އަަރަނީ ހިނގާބިނގާ އުޅުމާއި، ވަކި ގަޑިއެއްގައި މީހުން އުޅުމަށް ކާފިއު އޮންނާނެކަމަށް. މިއަކު ނޯންނާނެ ކާފިއުއެއް. ކުއްލި ހާލަތު އިއުލާނު ކުރަން ޖެހުނީ ސްޕްރީމް ކޯޓު ފަނޑިޔާރެއް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތީމަ. ޖަވާބުދާރީ ކުރުވަން ޖެހުނީމަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ކުށްވެރިން ރާއްޖޭގައި ނުތިބޭނެ ކަމަށާއި އެއީ ރާއްޖޭގެ ގާނޫނުލްއުގޫބާތު ދަންނަ މަފްހޫމެއް ނޫން ކަމަށެވެ. އަދި ބޮޑެތި ކުށްވެރިން ކަންކަން ބަލަން ޖެހެނީ ސަރުކާރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައިސުލްޖުމޫހުރިއްޔާ ވަނީ އިއްޔެއިން ފެށިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓަށް ރޭ ސިފައިން ވަދެ، އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ އެންމެ އިސްވެރިއާ ހަސަން ސައީދު ހުސައިން ވެސް ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.